އެންމެފަހުން މެސީ ބާސެލޯނާގައި މަޑު ކުރަން ނިންމައިފި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާން ކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނަށް އޭނާ އެ ޓީމުގައި މަޑުކުރާނެކަން ހާމަކޮށްފި އެވެ.

ދާދި ފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބަށް އަންގާފަ އެވެ. އެކުލަބާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންއަށް ހަމަވާން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެން ކަމުން މި ޓްރާންސްފާ މާކެޓުގައި މެސީ ކުލަބު ދޫކޮށްލަން ބޭނުން ނަމަވެސް، އެހެން ކުލަބަކުން އޭނާ ގެންދިއުމަކީ މާލީ ގޮތުން ބޮޑު ގޮންޖެހުމަށް ވަނީ ވެފަ އެވެ.

"އަހަރެން ގަބޫލު ކުރީ އަހަރެންނަށް ސީޒަން ނިމުމުން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް. ރައީސް [ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓެމިއު] އަބަަދުވެސް ބުނޭ ސީޒަން ނިމުމުން އަހަރެންނަށް ދިއުމުގެ ފުރުސަތު އޮންނާނެ ވާހަކަ. އެކަމު މިފަހަރު ކަންވީ އެހެން ގޮތަކަށް. 700 މިލިއަން ރިލީޒް ކްލޯސް ނުދައްކާ ސަލާމަތް ނުވާނެ ކަމަށް ރައީސް ވަނީ އަންގާފަ. އެހެންކަމުން ދެވޭނެ ގޮތެއް ނެތް،" މެސީ މިއަދު ބުނެފައިވެ އެވެ.

އޭނާ ބުނީ، މިފަހަރު ދާން ބޭނުންވި ނަމަ ކޯޓަށް ގޮސްގެން އޭނާއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު ފުރިހަމައަށް ތަނަވަސްވެފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އެންމެ ލޯބިވާ ކުލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާ ކަމަށާއި، ކުލަބު ދޫކޮށްލަން ބޭނުން ނަމަ އެކަން ކުރާނީ ރީތި ގޮތުގައި ކަމަށް މެސީ ވަނީ ބުނެފަ އެވެ.

"މިއީ އަހަރެންގެ ހަޔާތާ ގުޅިލާމެހިފައި އޮތް ކުލަބެއް. މިއީ އަހަރެން އުޅެ ބޮޑުވި ކުލަބު. މި ކުލަބް ގޮވައިގެން ކޯޓަށް އަހަރެން ނުދާނެކަމުގެ ޔަގީންކަން އަރުވަން،"

މިދިޔަ ހަފްތާގައި ފެކުހެއް މެދުވެރިކޮށް ބާސެލޯނާ ދޫކޮށްލަން މެސީ ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް