އެމްއެންޔޫއިން ރިސާޗް ގްރާންޓުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދީފި

އެމްއެންޔޫ ރިސާޗް ގްރާންޓް ހަވާލުކުރުން --- ފޮޓޯ/ގައުމީ ޔުނިވާސިޓީ

އެކި ދާއިރާތަކުން ދިރާސާކުރަން ގައުމީ ޔުނިވާސިޓީި (އެމްއެންޔޫ) އިން އެ ޔުނިވާސިޓީގެ ތިން އެކެޑަމިކް މުވައްޒަފަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް އެހީ ދީފި އެވެ.

ހީގެ ގްރާންޓް ލިބުނުކަމުގެ ލިޔުން އެކެޑެމިކް މުވައްޒަފުންނަށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައެވެ.

މިއީ ޔުނިވާސިޓީގައި ރިސާޗު މާހައުލެއް ގާއިމުކޮށް އެެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސިޓީގެ ބަޖެޓުގައި ހިމަނައިގެން 2014 އިން ފެށިގެން ޔުނިވާސިޓީގެ ބަޖެޓުން ދެމުންގެންދާ ގްރާންޓް އެހީ އެވެ.

އެމްއެންޔޫ އިން ބުނީ ރިސާޗު ޕްރޮޖެކްޓް ހިންގަން ނުވަ ފަރާތަކުން ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެހީ ދީފައި ވަނީ ތިން ޕްރޮޕޯސަލް އަކަށެވެ.

އެމްއެންޔޫއިން ބުނީ މުވައްޒަފުންނަށް ދިން ގްރާންޓްތަކުގެ ޖުމްލަ އަދަދަކީ 440855 ރުފިޔާ ކަމަށެވެ.

އެހީ ދީފައި ވަނީ ފެކަލްޓީ އޮފް އާޓްސްގެ ދެ މުވައްޒަފަކާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓްޑީޒްގެ މުވައްޒަފަކަށެވެ.

އެމްއެންޔޫ އިން ބުނީ އެ ދިރާސާތައް ރިވިއުކުރުމަށް ފަހު ޔުނިވާސިޓީގެ ޖާނަލްގައި ޝާއިއުކުރާނެ ކަމަށެވެ.

އެމްއެންޔޫގެ ކޮންމެ މުވައްޒަފަކަށް އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށްވެސް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި އޮންމަ ކަމަށް އެ ޔުނިވާސިޓީން ވަނީ މީގެކުރިން ބުނެފައެވެ.

އަދި ރިސާޗު ގްރާންޓު ދިނުމުގައި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގައި ހިމެނޭ ދާއިރާތަކަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

ރިސާޗު ގްރާންޓުގެ ދަށުން 10،000 ރުފިޔައިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީގެ ގޮތުގައި ދެއެވެ.

އެމްއެންޔޫއިން ބުނެފައިވަނީ ގްރާންޓް ދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު އެކި ކެޓަގަރީތަކުން،ކަނޑައެޅިފައިވާ އިވެލުއޭޝަން ކްރައިޓީރިއާއަށް ބަލައި ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށެވެ.

comment ކޮމެންޓް