ރޯވި ތެޔޮ ޓޭންކަރުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތް: ލަންކާ ކަނޑުގެ ސިފައިން

ލަންކާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޯވި ތެޔޮ ޓޭންކަރު -- ފޮޓޯ: އިންޑިއަން ނޭވީ

ކޮލަމްބޯ (ސެޕްޓެމްބަރު 4): ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން އިއްޔެ ދަތުރު ކުރަމުން ދަނިކޮށް ރޯވި ބިޔަ ތެޔޮ ޓޭންކަރުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތް ކަމަށް އެގައުމުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ދެ މިލިއަން ފީފާގެ ތެލާއެކު ދަތުރު ކުރަމުން ދަނިކޮށް ރޯވި އެމްޓީ ނިއު ޑައެމޮންޑު ބޯޓުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތް ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުނީ މިއަދު އެގައުމުގެ ގަވަމެންޓު އިންފޮމޭޝަން ޑިޕާޓްމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް އެގައުމުގެ ގޯލްޑް ނިއުސްއިން ރިޕޯޓު ކުރި އެވެ.

ޕެނަމާގެ ދިދަ ޖަހާފައިވާ އެމްޓީ ނިއު ޑައެމޮންޑު ބޯޓުގައި ރޯވީ ކުވޭތުން އިންޑިއާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އޭރު ބޯޓުގައި ތިބި 23 މީހުންގެ ތެރެއިން 22 މީހަކު މިހާރު ސަލާމަތްކޮށްފައިވާ އިރު އެކަކު ގެއްލުނެވެ. ލަންކާގެ ކަނޑުގެ ސިފައިން މިއަދު ބުނި ގޮތުގައި ގެއްލުނު މީހާ މަރުވެފައިވާކަން ޔަގީން ވެއްޖެއެވެ.

ފޯބްސް ނޫހުގައިވާ ގޮތުން އިންޑިއަން އޮއިލް ކޯޕް (އައިއޯސީ)އިން ޗާޓަރުކޮށްގެން ގެންދިޔަ އެ ޓޭންކަރުގައި ފުރަތަމަ ރޯވީ އިންޖީން ރޫމުގަ އެވެ. އަދި ތެޔޮ ރައްކާކޮށްފައިވާ ތަނަށް އަލިފާންގަނޑު ފޯރުން ހުއްޓުވުމަށް ލަންކާ އާއި އިންޑިއާގެ ކަނޑުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާއާ 40 މޭލު ދުރުގައި އޮއްވާ ރޯވި އެމްޓީ ނިއު ޑައެމޮންޑު އެގައުމުގެ އައްސޭރިފަށާ ދުރަށް ގެންދިޔުމަށް ތިން ޓަގު ބޯޓުން މަސައްކަތް ކުރަމުންދާ ކަމަށް ލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އިންދިކަ ޑި ސިލްވާ ވިދާޅުވި އެވެ. އަދި އިންޑިއާގެ ކޯސްޓު ގާޑުން ވަނީ އެ ސަރަހައްދަށް ތެޔޮ ލީކުވެފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް ބުނެފަ އެވެ.

ފޯބްސްއިން ރިޕޯޓު ކުރި ގޮތުގައި ޓޭންކަރުން ކުޑަ މިންވަރަކަށް ތެޔޮ ލީކުވެފައިވާ ކަމަށް އެގައުމުގެ މެރިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާޕާސަން ދަރުޝަނީ ލަހަންދަޕޫރާ އިއްޔެ ވިދާޅުވި އެވެ. ނަމަވެސް އެ ޓޭންކަރުން ތެޔޮ ލީކު ނުވާ ކަމަށް މިއަދު އެ އޮތޯރިޓީން ބުނި ކަމަށް ލަންކާގެ ނިއުސް ފަސްޓުގައިވެ އެވެ.

ލަންކާ ކައިރީގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ބޯޓެއް ފަރަކަށް އަރާ، އޭގެއިން ގާތްގަނޑަކަށް 1،000 ޓަނުގެ ތެޔޮ ކަނޑަށް އެޅުނު ފަހުންނެވެ. އެމްވީ ވަކާޝިއޯ ބޯޓުގެ ކުރޫ ސަލާމަތް ކުރެވުނު ނަމަވެސް އެ ބޯޓު ފަހުން ވަނީ ދެބުރިވެފަ އެވެ. އަދި މޮރިޝަސްއިން ވަނީ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށް، އެ ހާދިސާގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ޖަޕާނުން 34 މިލިއަން ޑޮލަރު ދިނުމަށް އެދިފަ އެވެ.

comment ކޮމެންޓް