ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ފުރަތަމަ ހުއްދަ ދުވާފަރު ސްކޫލަށް ދީފި

ރ. ދުވާފަރު ---

ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ތައާރަފްކުރުމަށް، އަޖުމަ ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފެށި ފައިލެޓް ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ހުއްދަ ރ. ދުވާފަރު ޕްރައިމަރީ ސްކޫލަށް ދޫކޮށްފިއެވެ.

ބްރޯޑްކޮމްއިން މިހާރު ކުރިއަށް ގެންދާ ޕައިލެޓް ޕްރޮޖެކްޓަކީ، ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ހިދުމަތެއްތޯ ބެލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ހިދުމަތް ދިނުމުގެ އަޖުމަބެލުމުގެ މަޝްރޫއު ހިންގުމަށް ނިންމައި، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮމިޝަނަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުއެވެ.

އެއީ ހިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ހިދުމަތްދިނުމުގައި ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ހިދުމަތަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު ބްރޯޑްކޮމް އިން ވަނީ އެކުލަވާލައި އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުގެ މަތީން، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ހިދުމަތް ދިނުމަށް ހުޅުވާލާފައިވާ ދާއިރާއަކީ ތައުލީމީ ދާއިރާއެވެ.

އަދި ދުވާފަރު ޕްރައިމަރީ ސްކޫލަށް "ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހާއްސަ ހުއްދަ" ދޫކޮށްފައި ވަނީ ހަ މަސްދުވަހުގެ މުއްދަތަށެވެ.

އެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުންނާއި، ދުވާފަރު ޕްރިމަރީ ސުކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ހުއްދަ ލިބުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން، އެ ސްކޫލާއެކު ބްރޯޑްކޮމް އިން ވަނީ އިއްޔެ ޒޫމް މީޓިން އެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ ކޮމިއުނިޓީ ބްރޯޑްކާސްޓިންއަކީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ވަރަށް ފައިދާ ހުރި މުހިންމު ހިދުމަތެއް ކަމަށެވެ.

މީގެއިތުރުން، އެ ހިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް ވިދާޅުވީ މި ވަގުތު މި ހިދުމަތް ހަމައެކަނި ތައުލީމީ ދާއިރާއަށް ހާއްސަ ކުރިކަމުގައި ވިޔަސް، އެހެން ދާއިރާތަކުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށްވެސް މުސްތަގްބަލުގައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް އަދި އެ ސްކޫލުން ހިންގުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޗެނަލް "ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް" ގެ ކޯޑިނޭޓަރު އިސްމާއީލް ޝުކުރީ ވަނީ މިފަދަ ހިދުމަތެއް ދިނުމަށް ފުރުސަތު ހުޅުވާލީތީ ސްކޫލާއި ބެލެނިވެރިންގެ ނަމުގައި ކޮމިޝަނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

އަދި މިއީ ރާއްޖެއަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި، ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ އެދެވިގެންވާ ގޮތުގައި ތަޢުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ބޭނުންތެރި ހިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހާއްސަ ހުއްދައިގެ ދަށުން ހިދުމަތް ދޭނީ ރ. ދުވާފަރު ސަރަހައްދަށް އެކަނިކަމަށް ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް