ލަންކާ ކައިރިން ތެޔޮ ޓޭންކަރެއްގައި ރޯވެ، ރާއްޖެ ސަރަހައްދަށް ލީކުވުމުގެ ބިރު

ލަންކާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޯވި ތެޔޮ ޓޭންކަރު -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ސެޕްޓެމްބަރު 4): ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއްގައި ރޯވެ، ރާއްޖެވެސް ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކުވުމުގެ ބިރު ހީވެއްޖެ އެވެ.

ޕެނަމާގެ ދިދަ ޖަހާފައިވާ އެމްޓީ ނިއު ޑައެމޮންޑު ބޯޓުގައި އިއްޔެ ރޯވީ ދެ މިލިއަން ފީފާގެ ތެލާއެކު ކުވޭތުން އިންޑިއާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އޭރު ބޯޓުގައި ތިބި 23 މީހުންގެ ތެރެއިން 22 މީހަކު މިހާރު ސަލާމަތްކޮށްފައިވާ އިރު އެކަކު ގެއްލުނެވެ. ލަންކާގެ ކަނޑުގެ ސިފައިން މިއަދު ބުނި ގޮތުގައި ގެއްލުނު މީހާ މަރުވެފައިވާކަން ޔަގީން ވެއްޖެއެވެ.

ފޯބްސް ނޫހުގައިވާ ގޮތުން އިންޑިއަން އޮއިލް ކޯޕް (އައިއޯސީ)އިން ޗާޓަރުކޮށްގެން ގެންދިޔަ އެ ޓޭންކަރުގައި ފުރަތަމަ ރޯވީ އިންޖީން ރޫމުގަ އެވެ. އަދި އަލިފާންގަނޑު ވަނީ ފަހުން އެހެން ބައިތަކަށް ފެތުރެން ފަށާފަ އެވެ.

ލަންކާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޯވި ތެޔޮ ޓޭންކަރު -- ފޮޓޯ: އިންޑިއަން ނޭވީ

އެ ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ލަންކާގެ ކަނޑުގެ ސިފައިންގެ އިތުރުން އިންޑިއާގެ ކަނޑުގެ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިންޑިއާއިން އިތުރު ކަނޑުގެ ސިފައިންނާއި ކޯސްޓުގާޑާއި ވައިގެ އެހީވެސް ފޮނުވަން ހަމަޖެހިފައިވާ އިރު ރަޝިއާގެ ދެ ހަނގުރާމަ މަތީ ބޯޓުވެސް އެ މަަސައްކަތުގައި އެހީވާނެ ކަމަށް ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އިންދިކަ ޑި ސިލްވާ ވިދާޅުވި އެވެ.

ލަންކާއާ 40 މޭލު ދުރުގައި އޮއްވާ ރޯވި އެމްޓީ ނިއު ޑައެމޮންޑުން މިހާރު ކުޑަ މިންވަރަކަށް ތެޔޮ ލީކުވެފައިވާ ކަމަށް އެގައުމުގެ މެރިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާޕާސަން ދަރުޝަނީ ލަހަންދަޕޫރާ ވިދާޅުވި އެވެ.

"ކުޑަކޮށް ތެޔޮ ލީކުވެފައިވާތަން އެބަ ފެނޭ. އަޅުގަނޑުމެން މިދަނީ ކަން ހިނގަމުންދާ ގޮތް ބަލަމުން. ތެޔޮ ލީކުވެއްޖެ ނަމަ އެ ވާނީ ވަރަށް ގެއްލުން ބޮޑު ކަމަކަށް،" ލަހަންދަޕޫރާ ވިދާޅުވި އެވެ.

ލަންކާ ކައިރީގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ބޯޓެއް ފަރަކަށް އަރާ، އޭގެއިން ގާތްގަނޑަކަށް 1،000 ޓަނުގެ ތެޔޮ ކަނޑަށް އެޅުނު ފަހުންނެވެ. އެމްވީ ވަކާޝިއޯ ބޯޓުގެ ކުރޫ ސަލާމަތް ކުރެވުނު ނަމަވެސް އެ ބޯޓު ފަހުން ވަނީ ދެބުރިވެފަ އެވެ. އަދި މޮރިޝަސްއިން ވަނީ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށް، އެ ހާދިސާގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ޖަޕާނުން 34 މިލިއަން ޑޮލަރު ދިނުމަށް އެދިފަ އެވެ.

comment ކޮމެންޓް