ސިޔާސީ ހާޖާނަކުން ދެ ރަށެއް ކަނޑިއާ ކަނޑި!

ގދ. ތިނަދޫ (ކ) ގއ. ވިލިނގިލި (ވ).

މިދިޔަ ހޯމަ ދުވަހު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް ގެންނަން މަސައްކަތްކުރި ގދ. ތިނަދޫ މީހަކަށް ވިލިނގިއްޔަށް އެރުމަށް އެރަށުން ހުރަސްއެޅުން ވެގެންދިޔައީ އެތައް ގޮތަކުން ގުޅިފައިވާ ބޮޑު ދެ ރަށެއްގެ ދެމެދުގައި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިގެން ދިޔަ ކަމަކަށެވެ.

އެތައް ޒަމާންތަކަކަށް ދެމިގެންދާ ގުޅުމެއް އޮންނަ ހުވަދޫ އަތޮޅުގެ އެންމެ ބޮޑު ދެ ރަށް ކަނޑި އާއި ކަނޑި ވެގެން ދިޔައީ މަދު ބައެއްގެ ސިޔާސީ ފިކުރުގެ ސަބަބުންނެވެ.

ގއ. ވިލިނގިއްޔަކީ ތިނަދޫއަށް ނިސްބަތްވާ އެތައް އާއިލާއެއް ދިރިއުޅޭ ރަށެކެވެ. ތިނަދޫ މީހުން 1960ގެ އަހަރުތަކުގައި ރަށުން ބޭލިއިރު އެރަށު އެތައް ބަޔަކު ވަނީ ވިލިނގިއްޔަށް ހިޖުރަކޮށް އެރަށުގައި ދިރިއުޅުން ފަށައިފަ އެވެ. އެ ގުޅުންތައް މިއަދާ ހަމަޔަށްވެސް އެބަ އޮތެވެ.

ތަރައްގީގެ ގޮތުން ދެ ރަށުންވެސް ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާއިރު ދެ ރަށަކީ އެއްވެސް އިރެއްގައި ހަމަނުޖެހުންތަކެއް އަދި ގޯސް ވާދަވެރިކަމެއް އޮންނަ ދެ ރަށެއް ނޫނެވެ.

އެހެން ނަމަވެސް ވިސްނިފައި އޮންނަ ގޯސް ވިސްނުންތަކެއް މާޒީގެ ތެރެއަށް ދޫކޮށްލުމަށް ދެ ރަށުގެ ރައްޔިތުން ވެސް ކުރަމުންދިޔަ މަސައްކަތަށް އެޅިގެންދިޔަ ބޮޑު ހުރަހަކަށްވެގެން ދިޔައީ މިދިޔަ ހޯމަ ދުވަހު ވިލިނގިލީގައި ހިނގައިދިޔަ ކަންތައްތަކެވެ.

ގއ. ވިލިނގިލީގެ ބަޔަކު ތިނަދޫއިން ގެނައި ކޮވިޑް-19 ބަލިމީހަކު ރަށަށް އެރުވުމަށް ދެކޮޅުހަދައި ކުރި މުޒާހަރާގެ ތެރެއިން.

އެދުވަހު ވިލިނގިލީގެ މަދު ބަޔަކު ނިކުމެ ތިނަދޫއިން އައި ބަލިމީހާ އެރަށަށް ނޭރުވުމަށް ދެކޮޅު ހެދުމުން މުޅި ވިލިނގިލި ވަނީ ބަދުނާމުވެފަ އެވެ. ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން ތިން ގަޑިއިރު ވިލިނގިލި ފަޅުތެރޭގައި މަޑުކުރުމަށްފަހު ހައި ރިސްކު އެ ބަލިމީހާ އެ ރަށަށް އަރަން އެންމެ ފަހުން އިއުތިރާޒުވުމުން ޖެހުނީ އަބުރާ ތިނަދޫއަށް ގެންގޮސް އެ މީހާ ފަރުވާއަށް މާލެއަށް ގެންދާށެވެ.

ތިނަދޫގައި ޓެސްޓުކުރުން، ވިލިނގިލީގައި ފަރުވާދިނުން!

ހުވަދޫ އަތޮޅު ފަދަ ބޮޑު ސަރަހައްދެއްގައި ކޮވިޑް-19 އަށް އެންމެ ފެސިލިޓީއެއް ހުރުމަކީވެސް އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫނެވެ. ތިނަދޫގައި އަތޮޅުގެ އެންމެ ތަރައްގީވެފައިވާ ހޮސްޕިޓަލް ހުންނަ އިރު އެ ރަށުން ކުރެވޭ ކަމަކީ ކޮވިޑަށް ޓެސްޓުކުރުމެވެ. ފަރުވާދޭ ފެސިލިޓީ ހުންނަނީ ވިލިނގިލީގަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނިގޮތުގައި މިގޮތަށް ދެ ރަށެއްގައި އެކަން ކުރުމަށް ނިންމި ނިންމުމަކި ތިނަދޫގައި ޓާޝަރީ ލެވެލްގެ ހޮސްޕިޓަލެއް ހުރުމުން އެތަން އަދި އިތުރަށް އެކްސްޕޭންޑްކުރަމުންދާތީ އެވެ. މިހެންވުމުން ސަރުކާރުގެ ވިސްނުން ހުރީ ތިނަދޫއިން ކޮވިޑު ނޫން ހުރިހާ ކަމަކަށް ފަރުވާ ހަމަޖައްސައި، ވިލިނގިލި ކޮވިޑަށް ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަަށް ހާއްސަކުރުމެވެ.

ވަކި އެންމެ ރަށެއްގައި މިފަދަ ގޮތަކަށް ތަރައްގީ ނުކޮށް ދެ ރަށް އެގޮތަށް ތަރައްގީކުރުމުން ދެ ރަށަށްވެސް ފައިދާލިބުމަކީ ކުރެވޭ ރަނގަޅުކަމެއް ކަމަށް އޭރު ފެސިލިޓީތައް ގާއިމުކުރުމަށް ނިންމިއިރު ވިސްނުމުގައި އޮތްކަމެކެވެ. މިއީ އެޗްއީއޯސީއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލުގެ ކަންކަން ރޭވި އިރުވެސް، ވިސްނާފައި އޮތް ގޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ވެސް ވަނީ އެގޮތަށް ދެ ރަށުން ކަންކަން ހަމަޖެއްސުމަކީ "ލޮޖިކް"އެއް ނެތް ކަމެއްކަމަށް އަދި ވިލިނގިލީގައި ހުންނަ ފެސިލިޓީ ތައްޔާރެއް ނޫންކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފަ އެވެ.

"އަބްދުއްސަމަދު ހޮސްޕިޓަލުގައި ހުރިހާ އެއްޗެއް އެބަ ހުރި. ވިލިނގިއްޔަކު ނޫން ހުރީ، ފެސިލިޓީއެއް ހުއްޓަސް ކޮން ފަރުވާއެއްތޯ އެތަނުގައި ދެވޭނީ. ކޮވިޑަށް އެބަ އޮތްތޯ ފަރުވާއެއް؟ ހޮސްޕިޓަލުގައި އެންމެ ބިލްޑިންގްއެއް ހުރީ، އެތާ ތިބި ބަލިމިހުން ވީލްޗެއާގައި އަވަހަށް ކޮވިޑު ޕޭޝަންޓަށް ޖާގަދޭން ބަދަލުކުރާތަނުގެ ވީޑިއޯވެސް އެބަ ހުރި ލިބިފައި. އެ ފެސިލިޓީވެސް ހުރީ ތައްޔާރަކަށްނޫން." ސައުދު "ސަން" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވިލިނގިލީގައި ހުރީ އެންމެ ފިޒިޝަނެކެވެ. އަދި އެއީ އުމުރުން ދުވަސްވީ މީހެއްކަމުން އޭނާއަށް ވެސް ބަލީގެ ބިރު އެބަ އޮތްކަމަށެވެ. އެޗްއިއޯސީއިން ބުނިގޮތުގައި ފިޒިޝަނެއް ހުއްޓަސް ފިޒިޝަނާއި ބަލިމީހާއާ މާ ބޮޑު ކޮންޓެކްޓެއް ނުވާނެ އެވެ. އެހެން ނަމަވެސް ފިޒިޝަނުވެސް ބަލިމީހާ ބަލާ އިރު ކޮވިޑު ފެސިލިޓީގައި 24 ގަޑިއިރު މެޑިކަލް އޮފިސަރުން ތިބޭނެ އެވެ.

އޮކްޓޯބަރ 8، 2018: ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ފަރާތުން ބަލިމީހާއަށް ހުރަސްއެޅިކަމަށް ބުނާ ވާހަކައަށް ވެސް ސައުދު ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ ކަންތައްގަނޑުގައި ރައްޔިތުންގެ ކުށެއް ނެތްކަމަށް ސައުދު ވިދާޅުވިއިރު، އެތަނުން ފެނިގެންދިޔައީ ވިލިނގިލީގެ ކައުންސިލް، ހޮސްޕިޓަލް އަދި އެޗްޕީއޭގެ ޒިންމާ އަދާނުކުރެވުންކަމަށް ސައުދު ވިދާޅުވި އެވެ.

"އެތަން އޮތީ ފުލުހުން ޓޭޕް އަޅާފައި ކޯޑޮންކޮށްފައި. ހޮސްޕިޓަލަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނޯންނާނެ. ދެން ކޮންމެ ރަށެއްގެވެސް އަތިރިމައްޗަކީ ސިޔާސީ ޖަޒުބާތުގެ ތަނެއް، އަބަދުވެސް އެތަނުން ދެކެވޭނީ އެކަހަލަ ވާހަކަ. އެހެންވެ އެހެން ކަންތައް ފެނިގެންދިޔައީ. ދެން ފަސް މީހުން އަމަލަށް 5،000 މީހުން އާބާދީ އޮންނަ ރަށެއް ބަދުނާމުކޮށްގެން ނުވާނެ،" ސައުދު ވިދާޅުވި އެވެ.

މަޖިލީހުގައިވެސް ސައުދުގެ ވާހަކަތައް ހުރީ ހަމަ މި ޒާތަކަށެވެ.

"ވިލިނގިލީގައި ގާއިމުކޮށްފައި ހުރި ފެސިލިޓީއަކީ އެވަގުތު ހެލްތު މިނިސްޓްރީ ތެރެއިން ކޮށްފައި އޮތް ބޮޑު ވައްކަމެއް. ވިލިނގިލީގެ ހެލްތު ފެސިލިޓީގައި ހަމައެކަނި މަސައްކަތަކީ ހަމައެކަނި ބެޑެއް ބަހައްޓާފަ އޮތީ. ބެޑެކޭ. އެތާގަ ނެތޭ ފަރުވާ ދެވޭކަށް. ކިހާބޮޑު ގޯހެެއްތޯ؟" ސައުދު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ދާއިރާގެ މެންބަރު "އެންޓަޓެއިން" ކުރައްވަނީ، އެއީ ގޯހެއް!

އެހެންނަމަވެސް ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރުގެ ވާހަކަތައް ހުރީ މެންބަރުގެ ވާހަކަތަކާ ދިމާ އިދިކޮޅަށެވެ. ކޮވިޑް ފެސިލިޓީ އަދި ހޮސްޕިޓަލްވެސް ހުރީ ތައްޔާރަށެވެ. ފެންނަ ހަގީގަތަކީ ވިލިނގިލީގައި 23 އެނދުގެ އައިސީޔޫ ފެސިލިޓީއެއް ހުރި ކަމެވެ. ދެ ވެންޓިލޭޓަރު އަދި ވަކިން އައިސޮލޭޝަން ފެސިލިޓީއެއްވެސް ހުރި ކަމެވެ.

"ފެސިލިޓީ އޮތީ ތައްޔާރަށް. ދެ މަސްދުވަސް ވެއްޖެ ތައްޔާރުތާ. އެހެންވީމަ އަޅުގަނޑަކަށް ނޭނގެ ދާއިރާގެ މެންބަރު އެގޮތަށް އެންމެ އެނދެއް ހުރިއޭ އެ ވިދާޅުވީ ކީއްވެގެންކަމެއް، އެއީ ވަރަށް ދެރަ ކަމެއް މި ހާލަތުގައި ދޮގު މައުލޫމާތު ފެތުރުން އެހެން. އެއްގޮތަކަށްވެސް ނޭނގެ ކިހިނެތް ހޯދި މައުލާމާތެއްކަމެއް." ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު "ސަން" ވިދާޅުވި އެވެ.

"އެ ދުވަހު އެތަނަށް ދިޔަ މީހުން މިފަދަ ފުރުސަތެއް ލިބޭނީ މަދު ދުވަހަކުކަމަށް އަދި މި ދުވަހު ޗަރުކޭސް ދައްކާލާނެކަމަށްވެސް ބުނި އަޑު އިވުނު. އެ މީހުންގެ ސުވާލަކަށްވީ ކޮބާހޭ ޓެސްޓުކުރާ މެޝިން. އެހެންނަމަވެސް އެކަމާ މިކަމާއި ނެތް އެއްވެސް ގުޅުމެއް. މިއީ ފަރުވާދޭ ތަނެއް، ޓެސްޓުކުރާ ތަނެއް ނޫން. އަނެއްހެން ރަސްމީ ގޮތަކަށް ތިނަދޫގެ މީހަކު މި ރަށަށް ބޭސްފަރުވާއަށް އައި ފުރަތަމަ ފަހަރު ކަންނޭނގެ މިއީ. ހުއްޓުވެން ޖެހޭކަމެއް. މިކަން މިހެން ވިޔަ ދީގެން ނުވާނެ. ފަރުވާ ދެވެން ޖެހޭނެ."

ޒާތީވާފަދަ ގޮތަކަށް ދާއިރާގެ މެންބަރުގެ ވާހަކަތައް ހުރިކަމަށް ސިފަކުރައްވަމުން ޝަރީފް ވިދާޅުވީ މިއީ ސިޔާސީ ފައިދާއަށް ކުރެވުނު ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

ސައުދު އެގޮތަށް ވިދާޅުވެފައިވަނިކޮށް ގއ. ދާންދޫއިން ޕޮޒިޓިވްވި ދެމީހަކުވެސް ވަނީ ވިލިނގިއްޔަށް ބަދަލުކުރެވި ހަމަ އެ ފެސިލިޓީއިން ފަރުވާދޭން ފަށައިފަ އެވެ. ވުމާއިއެކު ދާއިރާގެ މެންބަރުގެ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ވެސް އެބަ ހުއްޓެވެ.

މި ފުށުއެރުންތަކާ ދޭތެރޭ އިތުރަށް ވާހަކަދައްކަމުން ސައުދު ވިދާޅުވި ގޮތުގައި އޭނާގެ މައިގަނޑު ނުކުތާއަކީ ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗާ ތައްޔާރުވި ނަމަވެސް މެނޭޖްމަންޓު ތައްޔާރު ނޫން ވާހަކަ އެވެ. ހަގީގަތަކީ ހޮސްޕިޓަލުގެ މެނޭޖްމެންޓް އަދި ކައުންސިލްގެ ފަރާތުން އެކަންތައް "މިސްހޭންޑަލް" ކުރި ކަމަށް ސައުދު ވިދަޅުވި އެވެ.

"ރަނގަޅު އެބަ ހުރި ވަރަށް ރީތި ފެސިލިޓީއެއް، ކުލަ ލާފަ. އެކަމަކު ރެޑީއެއް ނޫނޭ މި ބުނަނީ އެޑްމިނިސްޓްރޭޓިވްކޮށް. ޕޭޝަންޓް ގެނެވުނު އިރު ހޮސްޕިޓަލުގެ އެމްބިއުލާންސްއަށް އެތަނަށް ނުދެވޭ، ޑްރައިވަރުގެ ޕީޕީއީ އެޅުމުގެ ލަސްތަކެއް ހުރިކަމަށް މައުލޫމާތު ލިބެނީ. ދެން ހޮސްޕިޓަލް އެތެރެ ހުރީވެސް ތައްޔާރަކަށް ނޫން. ރައްޔިތުންނަ/ސް ކައުންސިލާއި ހޮސްޕިޓަލް އަދި ޓާސްކްފޯހުން މައުލޫމާތު ދީފައެއް ނުވޭ. މުޅި ސިސްޓަމް މިއޮތީ ފެއިލްވެފައި. އެކަން އެޗްޕީއޭއަށްވެސް އެނގޭނެ."

އެވަގުތު އެތަނުގައި ފެނިގެންދިޔައީ ރައްޔިތުންނާއި ކައުންސިލާ އޮންނަ ގުޅުން ކުޑަވުމުން އެކަމުގެ ހިތްހަމަނުޖެހުންކަމަށް ސައުދު ވިދާޅުވި އެވެ. އެންމެ 10 ވަރަކަށް މީހުންނަށް އެރަށަށް އަންނަ ބަލިމީހަކަށް ފަރުވާދިނުމަށް ހުރަސްއެޅޭނީ ކިހިނެތްކަމާއިމެދު ވެސް ސައުދު ވަނީ ސުވާލުއުފައްދައިފަ އެވެ.

ގއ. ވިލިނގިލީގައި މުޒާހަރާ ކުރި ސަރަަހައްދު -- ސަން ފޮޓޯ ކިޔުންތެރިއެއް

"ފުލުހުންގެ ޒިންމާ ބަރާބަރަށް އަދާކޮށްފަ އެބަ އޮތް. މަސްއޫލުވެރިން ރެކިގަންނަން ރައްޔިތުން ކުށްވެރިކުރަނީ. އެއީ ހަގީގަތަކީ އޭރު." ސައުދު ވިދާޅުވި އެވެ.

ވިލިނގިލި ކައުންސިލް މެންބަރަކު "ސަން" އަށް ވިދާޅުވި ގޮތުގައި ދާއިރާގެ މެންބަރުގެ ވާހަކަތައް ހުރި ގޮތުން އަލިފާންގަނޑަށް ދަނީ އިތުރަށް ދަރު އެޅެމުންނެވެ. ދާއިރާ މެންބަރު ދަނީ ވިލިނގިލީގެ ރައްޔިތުންގެ ވިސްނުމާއި ދިމާ އިދިކޮޅަށް އެކަންކަން އެޓަންޓެއިން ކުރައްވަމުންނެވެ.

ވިލިނގިލީގެ ރައްޔިތުން، ވިލިނގިލި ކައުންސިލު އަދި އަތޮޅު ކައުންސިލުންވެސް ވަނީ އެ ދުވަހު ފެނުނު ކަންތައް ކުށެއްވެރިކުރަމުން ކަމަށް ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

ދާންދޫއިން މީހުން ފެސިލިޓީއަށް ގެނެވުނަސް ތިނަދޫ ބަލިމީހާ ނޭރުވުން އެއީ ތިނަދޫއަށް ވީމަ ވީ ކަމެއް ނޫންކަމަށް ވިލިނގިލި މީހުން ބުނެ އެވެ. ތިނަދޫ ބަލިމީހާ ނޭރުވުން އެއީ އެ ވަގުތު އެތަނުގައި ތިބި ފުލުހުންނަށް އެންމެ ރަނގަޅަށް އެކަން "މެނޭޖުނުކުރެވުމުގެ" ހިތާމަވެރި ނަތީޖާ އެވެ.

ވިލިނގިލިން ތިބީ ކޮންމެ ރަށަކަށްވެސް މަރުހަބާ ކިޔަން ތައްޔާރަށެވެ. އެ ދުވަހު އެ ފެނުނު ކަންކަމަކީ ރަށަށް ލަދުވެތިކަން ގެންނަން މަދު ބަޔަކު ކުރި ހަޑި އަމަލެކެވެ.

ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން އެޅި ފެސިލިޓީއިން އެއްވެސް ރަށެއްގެ މީހަކަށް ފަރުވާ ދިނުން މަނާކުރުމަކީ އެއްވެސް ހާލެއްގައި ކުރެވިގެން ނުވާނެ އަމަލެކެވެ. އަދި ވަކިން ހާއްސަކޮށް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެފަދަ އަމަލެއް ކުރުމަކީ ލާއިންސާނީ އަމަލެކެވެ.

ތިނަދޫގައި ކޮވިޑް-19އަށް ކޮންޓެކްޓްވި 40 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. ރަށުގައި ކޮމިއުނިޓި ސްޕްރެޑެއްގެ ބިރުވެރިކަން އޮތުން އެއީ ހަގީގަތެވެ. އަދި އެ ރަށުން ދެންވެސް ފެންނަ ކޭސްއަކަށް ފަރުވާދޭން ޖެހެނީ ވިލިނގިލިންނެވެ. އެ ދުވަހު ހިނގައިދިޔަ ކަންތައްތަކާ ހެދި ތިނަދޫގެ ރައްޔިތުން ތިބީ ރުޅިގަދަވެ ހިތްނުތަނަވަސްވެފަ އެވެ. ވިލިނގިލިން ފަރުވާ ހޯދަން ޖެހިލުންވެފަ އެވެ. މިހާރު ސަރުކާރުން ވަނީ ތިނަދޫގައި ވެސް ވަގުތީ ކޮވިޑް-19 ފެސިލިޓީއެއް ހެދުމަށް ނިންމައިފަ އެވެ.

ތިނަދޫ އަބްދުއްސަމަދަު މެމޯތިއަލް ހޮސްޕިޓަލް މަތިން. -- (ފޮޓޯ/ލުމިނަސްކޭޕްސް)

މިފަދަ ގޮތަކަށް މަދު ބައެއްގެ އަމަލުކުރުމުގެ ނަތީޖާއަކަށް މިވީ، ދެ ރަށެއްގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުމެވެ.

"ތިނަދޫއަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި އޮޑިފަހަރު ގިނަ ރަށް އޭރުވެސް (ތާރީޙީގޮތުންވެސް). ދެން ތިނަދޫއިން ސުވަދީބުގެ ހަމަނުޖެހުމުގެ ތެރެއިން މީހުން ބޭލިއިރު ހިޖުރަކުރަން ޖެހުނީ އަތޮޅުގެ އެހެން ރަށްރަށަށް. ވިލިނގިއްޔަށްވެސް ހިޖުރަކުރި ބައެއް މީހުން. ދެން ބައެއް މީހުން ދެކޭ ތިނަދޫ ވިލިނގިއްޔަށްވުރެ ކުރިއަރާފައިވާތީވެ އެކަން ގޯސްކޮށް. އެކަމަކު ހަމަނުޖެހުން ހިންގައި އެކަހަލަ ކަމެއް ނެތް ހިނގާފަ އެވެ." ތިނަދޫއިން ވާހަކަދެއްކި ކަމުވޮށިގެންވާ މީހަކު ކިޔައިދިނެވެ.

ތިނަދޫއިން ވާހަކަދެއްކި މީހުން ބުނާގޮތުގައި އަތޮޅުގެ އެހެން ރަށްތަކާއިވެސް ތިނަދޫއާ ގޯސް ގުޅުމެއް ނޯވެ އެވެ. ތާރީޙީގޮތުން ތަރައްގީގެ ރޮގުން ބައެއް މައްސަލަތަކާއި "ހަސަދަވެރިކަމުގެ" ވިސްނުންތައް އެއީ މާޒީގެ ވާހަކަތަކެކެވެ.

ވިލިނގިލިން ވާހަކަދެއްކި މީހުންގެ ވިސްނުންވެސް ހުރީ ހަމަ މިގޮތަށެވެ. އާއިލީގޮތުން ވެސް ގުޅިފައިވާ ބޮޑު ދެ ރަށެއްގެ ދެމެދުގައި މިދިޔަ ހޯމަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ގުޅުން ދުވަހަކުވެސް ނުވާވަރަށް ގޯސްވެފައިވާކަމަށެވެ.

"ބައެއް ފަހަރު ވިލިނގިލި ރައްޔިތުންނަށް ހީވެފަ އޮންނަނީ ތިނަދޫގެ ދަށުގައޭ ވިލިނގިލި އޮންނަނީ. ދެން ތަރައްގީގެގޮތުންވެސް ތިނަދޫ އަކީ އާބާދީ އެންމެ ބޮޑު ރަށަށްވީމަ ބައެއްކަހަލަ ފުރުސަތުތައް ތިނަދޫއަށް އިތުރަށް ލިބޭނެ. ހީވެފަ އޮންނަނީ ތިނަދޫއަށް މަރުކަޒީވެފައި އޮންނަނީ އޭ. އެކަމަކު އެއީ ހަގީގަތް، ދެން އެކަން އޮންނާނެވެސް ގޮތް. އެކަމަކު ރައްޔިތުން ދެކެނީ ތަރައްގީގެ މަޝްރޫއުތަކުގައި ދެ ރަށްވެސް ހަމަހަމަ ވާން ޖެހޭކަމަށް، އެހެން ނުވެދާނެ އަބަދަކު. ތިނަދޫގެ އެބަ އޮތް ގއ. އަތޮޅުގެ އާބާދީއާ އެއްވަރުގެ އާބާދީއެއް. ދެން އެ ދުވަހު ހިނގައިދިޔަ ކަމަކީ މަދު ބައެއް ސިޔާސީ ގޮތުން ކުރި ގޯސްކަމެއް. ވިލިނގިލީގެ ވިސްނުމެއް ނޫން އެއީ." ވިލިނގިލިން ވާހަކަދެއްކި މީހާކު ސަން އަށް ކިޔައިދިނެވެ.

ދެ ރަށް ދެމެދުގައި ގުޅުން އެއްވެސް އިރަކު ގޯސްކޮށް ނޯންނައިރު ވާދަވެރިކަމެއްވެސް އޭގެ ޒާތުގައި ނުބައިކޮށެއް ނޯވެ އެވެ.

ތިނަދޫ އާ ވިލިނގިލި އިންވެސް ފަރުވާ ހޯދަން ދަތި!

އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ވެސް ފާހަގަ ކުރާ ގޮތުން، އަތޮޅުގެ މައި ދެ ރަށުންވެސް ސިއްހީ ފަރުވާ ހޯދުމަކި ބައެއް ފަހަރު އެހެން ކުދި ރަށްތަކުގެ މީހުންނަށް ދަތިވެފައި އޮންނަ ކަމެކެވެ.

"ވިލިނގިއްޔަށް ދާއިރު އެ ރަށުގެ ހޮސްޕިޓަލުގެ ނަންބަރުތައް އެ ރަށު މީހުންތިބެނި ނަގައި ހުސްކޮށްފައި. ދެން ބައެއް ދުވަސް ދުވަހު ފެރީ ނައްޓާލާއިރުވެސް ޑޮކްޓަރަށް ނުދެެއްކޭ." އަތޮޅުގެ އެހެން ރަށަކުން ވާހަކަދެއްކި މީހަކު "ސަން" އަށް ކިޔައިދިނެވެ.

ގއ ވިލިނގިލި -- ފޮޓޯ: އެމްޓީސީސީ

ގދ އަތޮޅުގެ ބައެއް ރަށްތަކުގެ މީހުންގެ ޝަކުވާއަކީ ތިނަދޫ ހޮސްޕިޓަލް އޮންނަނީ، ތިނަދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައި ކަމަށެވެ. ގއ. އަތޮޅު ހޮސްޕިޓަލް އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި މިކަމުގައި ވާހަކަދައްކާލުމުން ހޮސްޕިޓަލުގެ އިސް ފަރާތްތައް ވިދާޅުވީ އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮންނަ ވަހަކަތަކެއް ކަމަށެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ރަށު މީހުން ދެކެ އެވެ.

ހުވަދޫ އަތޮޅުގައި ސިއްހީ ދާއިރާއިން އެތައް މައްސަލަތަކެއް ފެނި އެކަންކަމަށް ގިނަ ބައެއްގެ ސަމާލުކަން ވިލިނގިލީގެ މުޒާހަރާއިން ލިބިގެން ދިޔަނަމަވެސް އެދުވަހު ފެނިގެންދިޔަ ކަންކަމަކީ އެއްވެސް ހާލެއްގައި ޖާގަ ދެވޭނެ ކަންކަމެއް ނޫނެވެ. ސިޔާސީ ވިސްނުމުގައި ކުރާ ކަންކަމުން، ޒަމާންވެ ކަފުންވެފައިވާ އަރައިރުމާއި ޒުވާބު އަދި ފިތުނަތައް އަލުން ފެންމަތިވަނީ އެވެ. އެކަމުން ވަނީ ފައިދާއެއް ނޫނެވެ. ވަނީ ގެއްލުމެވެ.

comment ކޮމެންޓް