ހޯމް ކަރަންޓީނާ ހިލާފުވެގެން 2،500 ރުފިޔާއިން މީހަކު ޖޫރިމަނާކޮށްފި

ކ. ގުރައިދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ގުރައިދޫގައި ހޯމް ކަރަންޓީނާއި ހިލާފުވި މީހަކު 2،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވެގެން ޖޫރިމަނާކުރީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއީ އެކަހެރިކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާބެހޭ ގަވައިދަށް ފުރަތަމަ އިސްލާހު ގެނެވި އެ ގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ. ގެ ދަށުން މިގޮތަށް މީހަކު ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ.

ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން އެނޫންވެސް ތަންތަނުގައި ކަރަންޓީނުވުމަށް އަންގާފައިވާ ގަވާއިދާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް އެކަހެރިކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކަރަންޓީނުގެ އުސޫލާ އެއްގޮތަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިހުތިރާމުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އެގޮތުން އެ މަސައްކަތަށް އެއްބާރުލުން ދިނުމެއް ނެތި ކަރަންޓީނުކޮށްގެން ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައިފިނަމަ އެކުރެވެނީ ގާނޫނީ ކުށެއް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު ޖޫރިމަނާކުރާނީ 2،500 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ 3،500 ރުފިޔާއިން ޖޫރިމަނާކުރާއިރު ތިންވަނަ ފަހަރުން ފެށިގެން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އެ މާއްދާގެ ދަށުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް