އާމްދަނީ ހޯދުމަށް ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ވެސް ވަކި އުސޫލެއް އޮންނަން ޖެހޭނެ ކަމަށާއި، އަދި ސިއްހީ މިންގަނޑެއް ވެސް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރާތީ، އެފަދަ މަސައްކަތްތައް ކުރުމުގައި އަމަލުކުރާނެ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
މިރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތްދޭ 1011 ތަނަކާއި 17 ބަދިގެ މިހާތަނަށް އެޗްޕީއޭގެ އިންސްޕެކްޝަން ޑިވިޝަންގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އަދި ފަހަކަށް އައިސް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި ކޮވިޑް19 ޕެންޑެމިކް އާ ގުޅިގެން އެފަދަ ތަންތަނާ ގުޅިގެން ލިބޭ ޝަކުވާވެސް އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން އެއީ ކިހާ ފުޅާކޮށް ކުރިއަށް ގެންދާ ވިޔަފާރިއެއްތޯ ބެލުމަށް އެޗްޕީއޭއިން، ޕެންޑެމިކް ތެރޭގައި މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާސް އިންސްޕެކްޝަންގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ ފިހާރައެއްގެ ތެރޭގައި ގޮނޑި މޭޒު ޖަހައިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަނެއް ވެސް ބަންދު ކުރެވުނު. އަދި ހަމަ އެހެންމެ މުވައްޒަފުން އެބަ ގެންގުޅޭ މި މަސައްކަތް ކުރުމަށް. އެހެންކަމުން ލާޖް ސްކޭލްގައި މި މަސައްކަތް ކުރާ ތަންތަން އަޅުގަނޑުމެން ތެރޭގައި އެބަ އުޅޭ. މިއީ އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން،" އަހްމަދު ނާސިރު ވިދާޅުވިއެވެ.
ހަމައެއާއެކު އެފަދަ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ސާފުތާހިރުކަމުގެ މިންގަނޑާ އެއްގޮތަށް ކަމަށް ވެސް އަހްމަދު ނާސިރު ވިދާޅުވިއެވެ.
އަހްމަދު ނާސިރު ވިދާޅުވީ ހޯމް ބޭސްޑް ނުވަތަ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކަނޑައެޅިފައި ނުވާކަމަށެވެ.
އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުން ވެސް، މީހުން ދިރިއުޅޭ ގެތަކެއް ޗެކު ނުކުރެވޭނެ ކަމަށް ވެސް އަހްމަދު ނާސިރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެފަދަ މަސައްކަތްތައް ކުރުމުގައި ވެސް ވަކި އުސޫލެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ސިއްހީ މިންގަނޑުތަކެއް ވެސް ކަނޑައަޅަން ޖެހޭ ކަމަށް އަހްމަދު ނާސިރު ވިދާޅުވިއެވެ.
"މި މަސައްކަތް އަޅުގަނޑުމެން މިހާރު މި ދަނީ ކުރަމުން. އަޅުގަނޑުމެން ސިޓީ ކައުންސިލް، އެޗްޕީއޭ ގުޅިގެން މިއަށް ވަކި އުސޫލެއް ކަނޑައަޅާނަން، ގޭގަ އެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެކަން ބަލާ، އަދި އެބޭފުޅުންނަށް މަސައްކަތަށް އެކަށީގެންވާ ގޮތަށް ގައިޑްލައިން ތައްޔާރުުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއާށް ގެންދާނަން،" އަހްމަދު ނާސިރު ވިދާޅުވިއެވެ.
އަހްމަދު ނާސިރު ވިދާޅުވީ އެފަދަ މަސައްކަތުގައި ވެސް އާންމު ސިއްހަތަށް ނުރައްކަލެއް ވޭކަންފާހަގަކުރެވިއްޖެނަމަ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެތަނެއް ބަލައި ޗެކްކޮށް އަދި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
މީގެ އިތުރުން ފަހަކަށް އައިސް މިގޮތަށް ދުންފަތުގެ ބާވަތްތައް ވެސް އިޝްތިހާރުކޮށް އަދި ވިއްކާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ކަނޑައެޅިގެން ގަވާއިދާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަންކަން އަގަނޑުމެން ހަމަ ވަރަށް ބޮޑަށް ކުށްވެރިކުރަން. އަދި ގަވައިދުގެ ދަށުން ފިޔަވަޅުވެސް އެޅިގެން ދާނެ،" އަހްމަދު ނާސިރު ވިދާޅުވިއެވެ.
އަހްމަދު ނާސިރު އިތުރަށް ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތްދިނުމުގައި، ރަޖިސްޓްރީވެފައިވާ ތަންތަނާއި އަދި އާންމުންގެ ބަދިގެ ތަކުން ވެސް އެފަދަ ހިދުމަތެއް ދޭނަމަ، ކާބޯތަކެތި ތައްޔާރުކުރުމުގައި ވަރަށް ބޮޑަށް ސިއްހަތަށް ވިސްނަން ޖެހޭ ކަމަށެވެ.
"ވަރަށް ބޮޑަށް ސާފުތާހިރުކަން ދަމަހައްޓަން މަސައްކަތަކެއް ކުރަންޖެހޭ،" އަހްމަދު ނާސިރު ވިދާޅުވިއެވެ.
އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
އެޗްޕީއޭގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފައި ވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ.