މެސީ ބާސެލޯނާގައި ދެން މަޑުކުރުމަކީ ވަރަށް އުނދަގޫ ކަމެއް: ބައްޕަ

ލިއޮނަލް މެސީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ މަންޒަރު

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ދެން އެކުލަބުގައި މަޑު ކުރުމަކީ ވަރަށް ވެސް އުނދަގޫވާނެ ކަމެއް ކަމަށާއި، އެހެން ނަމަވެސް އަދި ވަކި ކުލަބަކަށް ބަދަލުވާން ނުނިންމާ ކަމަށް އޭނާގެ ބައްޕަ ޖޯޖް މެސީ ބުނެފި އެވެ.

ބާސެލޯނާގެ ޓީމަށް 19 އަހަރު ވަންދެން ކުޅުނު މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ އަންގާފަ އެވެ. އާ ކޯޗް ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސާގެ ޕްރެކްޓިސް ފެށި ނަމަވެސް، ޓީމުގެ ޓްރޭނިންއަށް ވެސް މެސީ ހާޒިރެއް ނުވެ އެވެ.

އެހެން ނަމަވެސް މެސީ ބާސެލޯނާގައި މަޑު ކުރާނެ ކަމަށް އެ ކުލަބުގެ ބައެއް ބޯޑު މެމްބަރުންނާއި، ކުޅުންތެރިން ވެސް ދެކެމުން އަންނަ އިރު މެސީ އަށް ބާސެލޯނާ ދޫކޮށްލެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށް ސްޕެނިޝް ލީގުން ވެސް ވަނީ ބުނެފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި މެސީ އެހެން ޓީމަކާ ގުޅުމުގެ ފުރުސަތު ހޯދައިދޭން މެސީގެ ގާނޫނީ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް މެސީގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އޭނާގެ ބައްޕަ ޖޯޖް މެސީ މިއަދު ވަނީ ބާސެލޯނާގެ ރައީސް މާރިއޯ ޖޯސެޕް ބާޓެމިއުއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީގެ ބައްޕަ ބުނީ މިހާރު މިއޮތް ހާލަތުން އޭނާގެ ދަރިފުޅު ބާސެލޯނާގައި މަޑު ކުރުމަކީ ވަރަށް ވެސް އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެންނަށް މިވަގުތު މެސީގެ މުސްތަގުބަލާ މެދު އެއްޗެކޭ ބުނާކަށް ނޭންގެ. ހަމަގައިމު ވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މިކަމުގައި އަދި ރަސްމީ މަޝްވަރާއެއް ނުކުރަން." މެސީގެ ބައްޕަ ބުންޏެވެ.

މެސީ ބަދަލު ވުން އެންމެ ކައިރި ކުލަބަކީ ސިޓީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތައް ހޭދަ ކުރީ ބާސެލޯނާއަށް ކުރިން ކޯޗް ކޮށްދިން، ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ އާއެކު އެވެ. އަލުން ގާޑިއޯލާއާ އެކު މަސައްކަތް ކުރުމަށް މެސީގެ ޝައުގުވެރިކަން ހުރި ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް