ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓު ސަރަހައްދުގައި: ރާއްޖޭގެ ކޯޓުތަކުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދެނީ ---

ރާއްޖޭގެ ކޯޓުތަކުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަމާއި ގުޅޭ ގަވާއިދު ބާ ކައުންސިލުން އާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ލޯ ފާމް އެއް ނުވަތަ ލީގަލް ޕްރެކްޓިސެއް ނުވަތަ ބަންޑާރަނައިބުގެ އޮފީސް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން، ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތުކުރުމަށް އެދި ހުށަހަޅައިފިނަމަ، ބާ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ މައްސަލައެއްގައި ވަކާލާތުކުރުމުގެ ހުއްދަ އެ މީހަކަށް ދެވިދާނެ ކަމަށް އަލަށް ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެއާ އެކު ބާ ކައުންސިލުން މިއަދު އާންމު ކުރި ގަވާއިދުގައި ބުނެފައިވަނީ، ބިދޭސީ ގާނޫނީ ވަކީލުން ވަކާލާތުކުރަން އެދޭ މައްސަލައިގެ ތަފުސީލުގެ އިތުރުން އެ ވަކީލެއްގެ މައުލޫމާތު އެ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީ ގާނޫނީ ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ހުށަހެޅުމުން، އެ ވަކީލަކީ ވަކާލާތު ކުރުމުގެ ސައްހަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ކަށަވަރުކުރުން ޖެހޭނެ އެވެ.

ބިދޭސީ ގާނޫނީ ވަކީލު ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ތެރެއިން ހައިކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ ތިން އަހަރު ވެފައިވާ ވަކީލަކަށް ވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްޝަނެއްގެ އިސްތިއުނާފީ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށް ވާން ޖެހެއެވެ. އަދި ސުޕްރީމް ކޯޓުގައި ނަމަ ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ބިދޭސީ ގާނޫނީ ވަކީލު ޝަރީއަތުގައި ވާހަކަދެއްކުމަށް ގަސްތުކުރާ ބަހުން
ވާހަކަދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް އޮތްކަން ނުވަތަ ނޫންކަން، ކަށަވަރު ކުރަން ޖެހެއެވެ.

ބިދޭސީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުޢީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ފީ އެއް ނަގާނަ އެވެ.

އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000/- ރ.، ހައި ކޯޓުގައި ވަކާލާތު ކުރުމަށް 5000/-ރ. އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ބޭނުން ނަމަ 10،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލަށް ހުށަހެޅުމުން، އެ ބިދޭސީ ވަކީލަކީ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ވަކީލެއްތޯ ބަލައި، އެ ވަކީލަކަށް ހުއްދަދިނުމާމެދު، ބާ ކައުންސިލުގެ
އެގްޒެކެޓިވް ކޮމިޓީން ނިންމި ގޮތެއް، އެ ހުށަހެޅުމެއް ހުށަހަޅާ ތާރީހުން ފެށިގެން
ހަތް ދުވަހުގެ ތެރޭގައި، ބިދޭސީ ޤާނޫނީ ވަކީލު އަޢްޔަނުކުރަން ބޭނުންވާ ފަރާތަށް އަންގަންޖެހެ އެވެ.

ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާމެދު، ބާ ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު އޮންނާނެ އެވެ.

comment ކޮމެންޓް