ހައްޖަށް ގެންދަން ފައިސާ ދެއްކި ކުންފުނިތަކަށް ރިފަންޑު ދެނީ

ފާއިތުވި 1441 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ހޯދުމަށް ކުރި އިއުލާނު ބާތިލްކޮށް ރެޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް ރިފަންޑު ދޭން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ބުނީ ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީ އަރަބިއާ ގައި އުޅޭ މީހުންނާއި އެގައުމުގައި އުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ކަމަށް ސައުދީ ސަރުކާރުން ކަނޑައެޅުމާ ގުޅިގެން ރާއްޖެއަށްވެސް ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ލިބިފައި ނުވާތީ، ހައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން ކުރި އިއުލާނު ބާތިލް ކުރާ ކަމަށެވެ.

އަދި އެއިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ޕްރޮޕޯޒަލް ރެޖިސްޓްރީ ކުރުމަށް 18 ކުންފުންޏަކުން 10،000 ރުފިޔާގެ ފީ ދައްކާފައިވާކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އިން އާންމުގޮތެއްގައި ރާއްޖެއަށް 1،000 ކޯޓާދެ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 1،000 ހައްޖާޖީން ބައިވެރިވި އިރު، ރާއްޖޭގެ ފަސް ފަރާތަކުން ހައްޖުގެ އަޅުކަން ފުރިހަމަކުރި އެވެ.

comment ކޮމެންޓް