އިސްރާއީލްގެ ސިފައިންގެ މީހަކު ފަލަސްތީނުގެ މީހެއްގެ ކަރަށް ކަކުލުން އަރާ ވީޑިއޯއެއް އާއްމުވެއްޖެ

އިސްރާއީލްގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޚައިރީ ހަނޫންގެ ކަނދުރާ މައްޗަށް ކަކޫ އަރުވައިގެން --- ފޮޓޯ: އޭއެފްޕީ

ގުދުސް (ސެޕްޓެމްބަރު 2): އިސްރާއީލްގެ ސިފައިންގެ މީހަކު ފަލަސްތީނުގެ މީހަކު ހައްޔަރު ކުރި އިރު އޭނާގެ ކަނދުރާ މައްޗަށް ކަކޫ އަރުވައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށި ވީޑިއޯ އިން ފެންނަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެގައުމުގެ ސިފައިންގެ މީހަކު ފަލަސްތީނުގެ 65 އަހަރުގެ މީހެއް ކަމަށްވާ ޚައިރީ ހަނޫން ހައްޔަރު ކުރާ މަންޒަރެވެ. އަދި ސިފައިންގެ މީހަކު ހަނޫން ހައްޔަރު ކުރަމުން ދިޔަ އިރު އެތާ ތިބި ނޫސްވެރިން ފަހަތަށް ޖައްސަން ދެން ތިބި ސިފައިން މަސައްކަތް ކުރި ތަނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިންމަތީގައި އޮތް ހަނޫންގެ ބުރަކައްޓަށް ފުރަތަމަ ސިފައިންގެ މީހާ ފައި އަރުވައި، ވަކި ހިސާބަކުން ކަނދުރާ މައްޗަށް ކަކޫ އަރުވަ އެވެ.

ހަނޫން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ އިސްރާއީލުން ހުޅަނގު އައްސޭރީގައި އިންޑަސްޓްރިއަލް ޕާކެއް އެޅުމަށް 800،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް އަތުލަން އުޅޭތީ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. އަދި ސިފައިންގެ މީހާ ހަނޫން ހައްޔަރު ކުރުމުގެ ކުރިން، އެ ސިފައިންގެ މީހާ މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ބަޑި ދިއްކުރުމުން އޭނާ ކޮއްޕާލި ކަމަށް ހަނޫން ބުންޏެވެ.

"އިސްރާއީލްގެ ސިފައިން އަހަރެންގެ ގައިގައި ބާރަށް ޖަހާ ހެދި އަދި އެކަކު އަހަރެންގެ ކަރުގައި ކަކޫ ވިއްދައިގެން ކުޑަ އިރުކޮޅަކަށް ހުރި. އަހަރެންގެ ކަރަށް އިތުރަށް ބާރު ނުކުރުމަށް އަހަރެން އޮތީ މަޑުމަޑުން،" އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ހަނޫން ބުންޏެވެ.

ހަނޫން ބުނި ގޮތުގައި އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ. އަދި ފަލަސްތީނުގެ މީހުން ވަނީ މުޒާހަރާ ތެރެއަށް ފުލުހުން ކަރުނަ ގޭހާއި ބަޑި ޖެހިކަމަށް ވެސް ބުނެފަ އެވެ.

އިސްރާއީލް އަސްކަރިއްޔާ އިން ބުނި ގޮތުގައި ހަނޫން ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އެތައް ފަހަރަކު ސިފައިންގެ މީހާ ކޮއްޕާފަ އެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުން ގަދަ ދައްކާފަ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ކަން ހިނގި ގޮތް ރަނގަޅަށް ސާފު ނުވާ ކަމަށާއި އެއީ އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަމަށް އެ އަސްކަރިއްޔާއިން ބުންޏެވެ. އަދި ހުޅަނގު އައްސޭރީގައި މުޒާހަރާ ކުރި މީހުން ސިފައިންނާ ދިމާލަށް ގާ އުކާ، ހަމަލާ ދިން ކަމަށް ވެސް ބުނެފަ އެވެ.

އިސްރާއީލް އަސްކަރިއްޔާ އިން ބުނި ގޮތުގައި ހަނޫން ދޫކޮށްލުމުގެ ކުރިން އޭނާއަށް ސިއްހީ ފަރުވާ ދީފައިވެ އެވެ. އަދި އެ މައްސަލަ އިތުރަށް ބަލާނެ އެވެ.

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ މުޒާހަރާތައް ރޫޅާލާ އިރު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ތުހުމަތު ކުރެ އެވެ. އަދި ހުޅަނގު އައްސޭރީގައި ހިނގި އެ ހާދިސާއާ އެމެރިކާގައި މިދިޔަ މެއި މަހު، ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ މީހާ މަރުވި ހާދިސާއާ ބައެއް މީހުން ވަނީ ގުޅުވާފަ އެވެ.

މިދިޔަ މެއި މަހުގެ 25ގައި އެމެރިކާގެ މިނިއާޕޮލިސްގައި ފުލުސް އޮފިސަރު ޑެރެކް ޝޮވިން، 46 އަހަރުގެ ޖޯޖް ފްލޯއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ކަކޫ އެރުވި އެވެ. އަދި އެގޮތަށް ކަކޫ ވިއްދައިގެން ގާތްގަނޑަކަށް ނުވަ މިނިޓު ހުރި ކަމަށް ފްލޯއިޑްގެ އޮޓޮޕްސީން ވަނީ ދައްކައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ޝޮވިން ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ. އަދި އެ ހާދިސާއަށް ފަހު ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އެމެރިކާގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ.

comment ކޮމެންޓް