ދާންދުއިން ޕޮޒިޓިވްވި ދެ މީހުން ވިލިނގިއްޔަށް ގެންގޮސްފި

ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީ -- ފޮޓޯ: ގއ އަތޮޅު ހޮސްޕިޓަލް

ގއ. ދާންދޫގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުންދިޔަ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހުން އެ އަތޮޅު ވިލިނގިލީގައި ހުންނަ ކޮވިޑަށް ފަރުވާދޭ މަރުކަޒަށް ގެންގޮސްފިއެވެ.

ދާންދޫ އިން ވިލިނގިއްޔަށް ގެންދިޔަ މީހުންނަށް އެރަށުން މަރހަބާ ކިޔާފައިވާއިރު އިއްޔެ ގދ. ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހާ ވިލިނގިއްޔަށް ގެންދިޔުމުން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެެ އެމީހާ ވިލިނގިއްޔަށް އެރުވުމަށް ވަނީ ދެކޮޅު ހަދައިފައެވެ.

މި އަމަލުަ ތަކާ ގުޅިގެން އެތައް ބަޔެއްގެ ނުރުހުން ވިލިނގިލީ މީހުންނަށް ވަނީ އަމާޒުވެފައެވެ.

ތިނަދޫ އިން ޕޮޒިޓިްވި މީހާ ފަހުން ސީޕްލޭނެއްގައި ވަނީ މާލެ ގެނެސްފައެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު މިރޭ "ސަން" އަށް ވިދާޅުވީ ދާންދުއިން މިއަދު ޕޮޒިޓިވްވި ދެމީހުންނަކީ މަންމަ އަކާއި ދަރިފުޅު ކަމަށެވެ. އެ ދެމީހުން އެރަށުގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ގެންގޮސް ފަރުދާދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާންދު އިން ޕޮޒިޓިވްވެފައިވަނީ 59 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

"މަންމަ އަކީ ހައިރިސްކު ކެޓަގަރީގެ މީހެއް ވީމާ ރީޖަނަލް ފެސިލިޓީ އަށް ގެނައީ. މަންމަ އާއެކު ދަރިފުޅުވެސް ގެނަ. މިރޭ 10:00 ގައި ގެނެވިއްޖެ. މިވަގުތަށް ބަލާއިރު ދެ ޕޭޝަންޓުންގެ ހާލުވެސް ރަނގަޅު،" މެނޭޖަރު ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8،000 މައްޗަށް އަރައިފައެވެ. ރޭގެ ހަޔަކުން މިރޭ ހަޔަކަށް 199 މީހުން ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް 8،003 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިވަގުތު ބައްޔަސް ފަރުވާ ހޯދަމުން ދަނީ 2،703 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،395 މީހުން ތިބިއިރު، އެޑްމިޓް ކޮށްގެން 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް 5،265 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 150 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް 29 މީހަކު ރާއްޖެއިން ކޮވިޑް19ގައި ވަނީ މަރުވެފައެވެ.

comment ކޮމެންޓް