ބަލި މީހާ އަރުވަން ދެކޮޅުހެދީ ޕީޕީއެމްގެ މަދު ބައެއް: ވިލިނގިލީ ކައުންސިލް

ގއ. ވިލިނގިލީގައި މުޒާހަރާ ކުރި ސަރަަހައްދު -- ސަން ފޮޓޯ ކިޔުންތެރިއެއް

ގދ. ތިނަދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވެގެން، ގއ. ވިލިނގިލީ ފެސިލިޓީއަށް ގެންދަން ކުރި މަސައްކަތަށް ހުރަސް އަޅައި، ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހެދީ ޕީޕީއެމް އަށް ނިސްބަތްވާ މަދު ބައެއް ކަމަށް، ވިލިނގިލީ ކައުންސިލުން ބުނެފިއެވެ.

ތިނަދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހަކު، ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން، އިއްޔެ ވިލިނގިލީގައި ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ.

އަދި އިހުތިޖާޖާ ގުޅިގެން، އެމީހާ އަނބުރާ ތިނަދުއަށް ގެންގޮސް، އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ މާލެ ގެނެސް، ހުޅުމާލޭ ފެސިލިޓީގައި ވަނީ އެޑްމިޓްކޮށްފައެވެ.

އެ މައްސަލައިގައި ވިލިނގިލީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަލި މީހާ ވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހަދައި ހިންގި އަމަލަކީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ އަމަލު ހިންގި ފަރާތްތަކާމެދު ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ކައުންސިލުން ވަނީ ގޮވާލައިފައެވެ.

ކައުންސިލުން ބުނީ ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގެ، ފަސް ރަށެއްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ވިލިނގިލީގައި ގާއިމުކޮށްފައިވާ ފެސިލިޓީން ރާއްޖޭގެ ކޮންމެ ދިވެއްސަކަށް އަދި ވަކިން ހާއްސަކޮށް ހުވަދު އަތޮޅުން ކޮވިޑް19 އަށް ޕޮޒިޓިވްވާ ކޮންމެ މީހަކަށް ފަރުވާ ދެވެން ޖެހޭނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ބަލި ޖެހޭ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލީގައި ހާލު ދެރަވާ ހުވަދުއަތޮޅުގެ ރައްޔިތުންނަށް ފަރުވާދޭން ޖެހޭނީ އެރަށުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީން ކަމަށެވެ.

އެހެންކަމުން ތިނަދޫން ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހާއަށް ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީން ފަރުވާ ނުދެވި އަލުން ތިނަދޫއަށް ގެންދަން ޖެހުމަކީ ރަށު ކައުންސިލާއި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަ ކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން ބަލި މީހާ ވިލިނގިއްޔަށް އެރުވުމުގައި "ވިލިނގިލީގެ ވަރަށް މަދު ބަޔަކު ސިޔާސީގޮތުން ހިންގި ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން" ދެރަށުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަށް އެއްވެސް ފަރާތަކުން މިދަނޑިވަޅުގައި މަސައްކަތް ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނީ ވިލިނގިލީގެ ރައްޔިތުންނާއި ތިނަދޫގެ ރައްޔިތުންނަކީ މީގެ އަހަރުތަކެއް ކުރިން ވެސް އަޅާލުމާއި އޯގާތެރިކަމާއެކު ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެއް ކަމަށާއި މި ދެ ރަށު ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެދޭކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފައެވެ.

comment ކޮމެންޓް