ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރޭމްޕެއް އާޓިފިޝަލް ބީޗުގައި ގާއިމު ކުރަނީ

ހެންވޭރު އާޓިފިޝަލް ބީޗު --

މާލޭ ހުޅަނގު ފަރާތު އާޓިފިޝަލް ބީޗުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރޭމްޕެއް ގާއިމު ކުރުމަށް ނިންމައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން، ހާއްްސަކޮށް ހިނގާ ބިނގާ އުޅުމުގައި ދަރިތަކާ ދިމާވެފައިވާ ފަރާތްތައް މޫދަށް އެރުމާއި، މޫދުގައި ފުރިހަމަ ކުރަން ޖެހޭ ތެރަޕީ އަދި ރިހިބިލިޓޭޝަންގެ ކަންކަން ފުރިހަމަ ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ އަކީ ޒަމާނުއްސުރެން އެތައް ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެ ފަރާތްތަކުގެ ޝަކުވާތަކަށް ނިމުމެއް ގެނައުމުގެ ގޮތުން ޔޫތް މިނިސްޓްރީގެ އިސްނެގުމާ އެކު މާލޭގެ އާޓިފިޝަލް ބީޗުގައި، ފުރޮޅުލީ ގޮނޑިތަކުގައި ވެސް މޫދަށް އެރި ހެދޭނެ ގޮތަށް ރޭމްޕެއް ގާއިމް ކުރާނެ ކަން އެމިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އިސްނަގައިގެން ގާއިމު ކުރުމަށް ހަމަޖެހިފައިވާ މި ރޭމްޕް ހެދުމަށް ހަވާލު ކުރާނީ އެމްޓީސީސީއާ އެވެ. އެހެން ނަމަވެސް މި މަސައްކަތުގައި ފެނަކައާއި، ޖެންޑާ މިނިސްޓްރީގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔޫތް މިނިސްޓްރީން ބުނީ، މި ރޭމްޕްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އެހެން މީހުންނެކޭ އެއް ގޮތަށް މޫދަށް އެރި އުފާ ހޯދުމަށް އެޅިފައިވާ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް