ކޭޝްކާޑާ ނުލާ ފައިސާ ޖަމާކުރާ އޭޓީއެމް މެޝެނެއް އެމްއައިބީއިން ބަހައްޓައިފި

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ ޖަމާކުރަން އާ މެޝިނެއް ބަހައްޓައިފިއެވެ.

ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތްލިބޭ މި އީސީއާރުއެމްގެ އެންމެ ތަފާތުކަމަކީ އެއްވެސް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ފަސޭހަކަމާއެކު ޖަމާކޮށްލެވުން ކަމަށް އެ ބޭންކުން ބުންޏެވެ.

އެގޮތުން އެއެމްއައިބީ ގައި އެކައުންޓެއް ނެތް މީހުންނަށްވެސް ތިންވަނަ ފަރާތެއްގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް މި މެޝެނުން ފައިސާ ޖަމާކުރެވޭނެއެވެ.

ކޭޝްކާޑަކާ ނުލައި ފައިސާ ޖަމާކުރެވޭނީ ކިހިނެއް؟
ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތަކީ ރާއްޖެއަށް އާ ހިދުމަތެކެވެ.

މި ހިދުމަތް އިސްލާމިކް ބޭންކުން ދޭނީ ކޭޝް ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ފޮނުވައިގެންނެވެ. އޯޓީޕީ ޖެހުމަށް ފަހު ފައިސާ ޖަމާކޮށްލަންވީއެވެ.

މި އޭޓީއެމް މެދުވެރިކޮށް އާންމު ފަރުދުންގެ އިތުރުން ވިޔަފާރިވެރިންނަށްވެސް ފަސޭހަކާމާއެކު ފައިސާޖަމާކުރެވޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެއްވެސް ކޭޝްކާޑެއްބޭނުން ކުރުމަކާނުލާ ފައިސާޖަމާކުރެވޭގޮތް ހަމަޖެހިފައިވާއިރު ވިޔަފާރި އެކައުންޓުތަކަށް ދުވާލަކު 500،000 ރުފިޔާ އަދި އަމިއްލަ ވިޔަފާރިތަކުގެ އެކައުންޓަށް އަދި އަމިއްލަ އެކައުންޓެއްނަމަ ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

އެމްއައިބީގެ ހެޑް އޮފީސް އޭޓީއެމް ލޮބީގައި މި މެޝިން ބަހައްޓާފައިވާއިރު، ކުރިޔަށް އޮތް މަހެއްހާ ދުވަސްތެރޭ އަމީނީމަގު އެމްއެންޔޫ އޭޓިއެމް އަދިއަމީރު އަހްމަދުމަގު ފާމުދޭރިގޭގައި ބެހެއްޓިފައިވާ އޭޓީއެމް ލޮބީގައި މީގެެ ޒަމާނީ އޭޓީއެމްތައް ބަހައްޓާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

މި ވަގުތު މާލޭގައި އެމްއައިބީގެ ފަސް އޭޓީއޭމް ސެންޓަރު އެބަހުއްޓެވެ. އަދި ހުޅުމާލެ އަދި ހުޅުލޭގައިވެސް އެމްއައިބީގެ އޭޓީއެމް ބަހައްޓާފައިހުރެއެވެ. ހުޅުމާލޭގައި އިތުރު އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިބީ އިން ބުންޏެވެ.

comment ކޮމެންޓް