ގަސް އެތެރެކުރާއިރު ގަވާއިދަށް އަމަލުކުރަން އެދެފި

ރާއްޖެއަށް ގަސްގަހާގެއްސާއި ގަހުގެ ބާވަތްތައް އެތެރެކުރާއިރު، ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން އިލްތިމާސް ކޮށްފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ގަހާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރާ މިންވަރު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މި ތަކެއްޗަކީ "ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ގާނޫނު" ގެ ދަށުން ބަލިތަކާއި ބަލިޖައްސާ ފަނިފަކުސާ، ސޫފާސޫފި އަދި ޖަރާސީމުތައް ތައާރަފްވުމާއި ފެތުރުމުން ރައްކާތެރިވުމަށްޓަކައި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެކުރާ ތަކެތި ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖެއަށް މިފަދަ ބާވަތްތައް އިމްޕޯޓްކުރާ ގިނަ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާ ހިލާފަށް އަމަލު ކުރާކަން ފާހަގަވެފައިވާ ކަމަށާއި، މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތަށް ނުހޯދާ އެތެރެކުރުމާއި، ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރާއިރު އެތަކެއްޗާއެކު ގެންނަން ޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓްފަދަ މުހިންމު ޑޮކިއުމަންޓްތައް ނެތި އެތެރެކުރަން އުޅުންފަދަ މައްސަލަތައް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެގްރިކަލްޗާ މިނިސްޓްރީ އިން ބުނީ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި މެދު އަމަލު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ގޮތުގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައިވެސް ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަންޖެހިފައިވާކަން މިނިސްޓްރީ އިން ފާހަގަކުރެއެވެ.

ވިޔަފާރީގެ އުސޫލުން ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުން، ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކުރުމަށް، ވަގުތުދީގެން މަސައްކަތްތައް ރޭވުމަކީ ދިމާވާ މިފަދަ މައްސަލަތައް މަދުކުރޭވޭނެ ކަމެއްކަމަށް މި މިނިސްޓްރީއިން ފާހަގަކުރަމެވެ.

ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގަސްކާނާއާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސް އަދި ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމަށް މިދުވަސްވަރު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވާނެ ކަމަށާއި މި ހިދުމަތްތަކަށް އެދުމަށް ހުށަހަޅަންޖެހޭ ފޯމު އެ ނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކޮށް ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ކުރުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުއްދަ ތައްޔާރު ކުރުމަށްފަހު އީމެއިލް އަކުން ހުއްދަ ދޫކުރަމުންދާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭތެރޭ ގަސް ހައްދާ ދުވަސްވަރަކަށްވާއިރު ގަހަށް އޮންނަ ޑިމާންޑު ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް