ކުޑަހުވަދޫއަށް އަރައި ފޭބުން މަނާކޮށްފި

ދ. ކުޑަހުވަދޫ: -- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫއަށް މީހުން އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް "ސަން" އަށް ވިދާޅުވީ އެރަށަށް މީހުން އަރައި ފޭބުން މަނާކުރީ ވަކި މުއްދަތެއް ނެތި ކަމަށެެވެ.

އެގޮތަށް އެރަށަށް މީހުން އަރާ ފޭބުން މަނާާކުރީ އެރަށާ ކައިރީގައި އޮންނަ ނިޔާމަ ރިސޯޓުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީކަމަށް ޝާމް ވިދާޅުވި އެވެ.

އެގޮތުން އެ ރިސޯޓުން މިއަދު ހަތަރު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރިސޯޓެއް އެބަހުރި މީގެ ދުވަސްތަކެއް ކުރިން މީހުން އައިސްފަ. އޭގެން އެކަކު ޕޮޒިޓިވްވެސްވި. މިހާރު އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދަނީ." ޝާމް ވިދާޅުވި އެވެ.

މާލެއިން ކުޑަހުވަދޫއަށް ގޮސް ކަރަންޓީނުގައި ތިބި އެއް އާއިލާގެ ހަތަރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކުޑަހުވަދޫގައި އަދި ކޮވިޑަށް ޓެސްޓް ނުކުރެވޭތީ ސާމްޕަލްތައް މިހާރު ފޮނުވަނީ މާލެއަށެެވެ. ޝާމް ވިދާޅުވީ އަމިއްލަ ފަރާތަކުން ކޮވިޑަށް ޓެސްޓް ކުރެވޭ ދެ ޕީސީއާރު މެޝިން މިހާރު ހަދިޔާ ކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ދެ މެޝިން އިންސްޓޯލް ނުކުރެވޭ ކަމަށެެވެ.

comment ކޮމެންޓް