ފުރަތަމަ ފަހަރަށް ކޭޕޮޕް ލަވައެއް ބިލްބޯޑުގެ އެއްވަނައަށް

ކޮރެއަން ޕޮޕް ގްރޫޕް ބީޓީއެސްގެ އާ ލަވަ "ޑައިނަމައިޓް" ވަނީ ބިލްބޯޑުގެ އެއްވަނައަށް ގޮސް ތާރީހީ ބޮޑެތި ރެކޯޑުތަކެއް މުގުރާލާފައި ---

ކޮރެއަން ބޭންޑު "ބީޓީއެސް"ގެ އެންމެ ފަހުގެ ލަވަ ބޮޑު ހިޓަކަށްވެ ފުރަތަމަ ފަހަރަށް ބިލްބޯޑުގެ އެއްވަނައަށް އެރި ކޮރެއަން ލަވައަށް ވެއްޖެ އެވެ.

ބީޓީއެސްގެެ އެންމެ ފަހުގެ ލަވަ ކަމަށްވާ "ޑައިނަމައިޓް" ދަނީ ތަފާތު ގިނަ ރެކޯޑުތައް މުގުރަމުންނެވެ. އެގޮތުން ޔޫޓިއުބްގައިވެސް ވަނީ ބޮޑު ރެކޯޑެއް މުގުރާލާފައެވެ.

ޑައިނަމައިޓް ރިލީޒްްކުރިތާ 24 ގަޑިއިރުގެ ތެރޭގައި އެ ލަވަ ވަނީ 101.1 މިލިއަން ވިއުސް ހޯދާފައެވެ. އެއީ މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިިބިފައިވާ ވީޑިއޯއެވެ. މީގެކުރީން އެ ރެކޯޑު އޮތީ ހަމަ ކޭޕޮޕް ބޭންޑެއް ކަަމަށްވާ ބްލެކްޕިންކް އަތުގައެވެ. އެ ގްރޫޕުން ނެރެފައިވާ "ހައު ޔޫ ލައިކް ދެޓް" ވަނީ 24 ގަޑިއިރުގެ ތެރޭގައި 100 މިލިއަން ވިއުސް ހޯދާފައެވެ.

ބިލްބޯޑުގެ "ހޮޓް 100"ގައި އެކި ޖޯންރާގެ މިއުޒިކްތައް ހިމެނެއެވެ. އެހެންނަމަވެސް ބިލްބޯޑުގެ 62 އަހަރުގެ ތާރީހުގައިވެސް މިހާތަނަށް ކޭޕޮޕް ލަވައެއް އަދި ލިސްޓުގެ އެއްވަނައަށް އަރާފައެއް ނުވެއެވެ. އެހެންކަމުން ޑައިނަމައިޓް ވަނީ ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޑައިނަމައިޓް ރިލީޒްކުރި ފުރަތަމަ ހަފްތާގެ ތެރޭގައި ސްޓްރީމިން ސާވިސްތަކުން އެކަނިވެސް ވަނީ އެލަވައަށް 33.9 މިލިއަން ސްޓްރީމްސް ލިބިފައެވެ.

comment ކޮމެންޓް