ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއަށް އާ ލީޑަރަކު ހޮވުން މިމަހު 14ގައި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރަކަށް ދެން ހޮވުމަށް ގިނަ ބަޔަކު ތާއިދު ކުރާ ކުރީގެ ޑިފެންސް މިނިސްޓަރު ޝިގެރޫ އިޝިބާ -- ފޮޓޯ: ގެޓީ

ޓޯކިޔޯ/އަލްޖަޒީރާ (ސެޕްޓެމްބަރު 1): ޖަޕާނުގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)އަށް އާ ލީޑަރަކު ހޮވަން މިމަހުގެ 14ގައި ވޯޓެއް ނަގާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ ތިރީގޭގައި އަގުލަބިއްޔަތު އޮންނަނީ އެލްޑީޕީއަށް ކަމުން، އަބޭއަށް ފަހު ޕާޓީގެ ލީޑަރަކަށް އިސްވާ ފަރާތަކަށް ބޮޑުވަޒީރުކަން ކަށަވަރު ވާނެ އެވެ.

އެލްޑީޕީގެ ލީޑަރު ކަމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވާނެ ކަމަށް ޖަޕާނުގެ މީޑިއާތަކުން ލަފާ ކުރާ އިރު، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ދެން ބޮޑުވަޒީރުކަން ކުރެއްވުމަށް އެންމެ ބޮޑު ތާއިދެއް ލިބެނީ ކުރީގެ ޑިފެންސް މިިނިސްޓަރު ޝިގެރޫ އިޝިބާއަށެވެ. އެގޮތުން ކިޔޯޑޯ ނޫހުގެ ސާވޭއަކުން ދެއްކި ގޮތުގައި އާއްމުންގެ 34 ޕަސެންޓު ތާއިދު އޮތީ އިޝިބީއަށެވެ. އަދި ދެ ވަނައަށް އެންމެ ގިނަ މީހުން ތާއިދު ކުރަނީ މިހާރު ޗީފް ކެބިނެޓް ސެކްރެޓަރީކަން ކުރައްވާ ޔޮޝިހިދޭ ސުގާއަށެވެ. އެއީ 14 ޕަސެންޓު ވޯޓުންނެވެ.

މީގެ އިތުރުން އެހެން ދެ މީޑިއާއަކުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން އިޝިބާއަށް 28 ޕަސެންޓު މީހުން ތާއިދު ކުރާކަން ދެއްކި އިރު ދެވަނައަށް އެންމެ ގިނަ މީހުން ހިޔާރު ކުރީ މިހާރުގެ ޑިފެންސް މިނިސްޓަރު ޓަރޯ ކޯނޯ އެވެ. އަދި ސުގާއަށް ލިބިލެއްވީ 11 ޕަސެންޓު މީހުންގެ ވޯޓެވެ.

ޖަޕާނުގެ މީޑިއާތަކުގައިވާ ގޮތުން ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ އާއްމުންގެ ހިޔާލާއި އެލްޑީޕީގެ ހިޔާލުތައް ތަފާތުވާ ކަމެވެ. އަދި އެ ޕާޓީގެ މައި ފެކްޝަންތަކުން އާ ލީޑަރަަކަށް ހޮވާނެ ކަމަށް ބެލެވެނީ އަބޭގެ އަރިސް ބޭފުޅެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ސުގާ އެވެ.

މީގެ އިތުރުން، ދެން ބޮޑުވަޒީރު ކަމަށް ހޮވުމަށް އަބޭ ތާއިދު ކުރައްވާ ކަމަށް ބެލެވޭ ކުރީގެ ފޮރިން މިނިސްޓަރު ފޫމިއޯ ކިޝިދާގެ ނަން އޮތީ ހިޔާލު ހޯދުމުގެ ހުރިހާ ވޯޓެއްގައިވެސް އެންމެ ފަހަތުގަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ އެންމެ ފުރަތަމަ ކުރެއްވީ 2006 އިން ފެށިގެން އެއް އަހަރުވަންދެނެވެ. އެފަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބޮޑުގޮހޮރު ދުޅަވެ، ފާރުވުމަށް މަގުފަހިކުރާ ބައްޔެއް ކަމަށްވާ އަލްސަރޭޓިވް ކޮލައިޓިސްގެ ސަބަބުން ހާލުކޮޅު ދެރަވުމުންނެވެ. އޭގެ ފަހުން 2012ގައި އޭނާ އަނެއްކާ ވެރިކަމަށް ވަޑައިގެންނެވީ އެ ބައްޔަށް މީގެ ކުރިން ލިބެން ނެތް ބޭހެއް ބޭނުން ކުރައްވަން ފެއްޓެވުމަށް ފަހުގަ އެވެ. ނަމަވެސް އަބޭގެ ހާލުކޮޅު އަނެއްކާ ވެސް ދެރަވުމުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ ދައުރު ނިމުމުގެ ކުރިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް