ތިނަދޫ ބޯޓުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގދ. ތިނަދޫ --- ފޮޓޯ / ސްޓޫޑިއޯ33

ގދ. ތިނަދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ "ދެރަހަ" ބޯޓުގެ އިތުރު ފަޅުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ދޯނީގެ ފަޅުވެރިޔަކު ވަނީ މީގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެފައެވެ. ފަހުން ޕޮޒިޓިވްވި މީހާއަކީ، ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެކެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ސަން" އަށް ވިދާޅުވީ ދެވަނައަށް ޕޮޒިޓިވްވި މީހާ ހުރީ ބޯޓުގައި ކަރަންޓީނުގައި ކަމަށާއި އޭނާ ރަށުތެރެއަށް ފައިބާފައި ނުވާ ކަމަށެވެ.

އަދި މިހާރު އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.

ތިނަދޫން ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތްތަކުގެ ތެރެއިން އެ މީހާއާ ކޮންޓެކްޓުވި ޖުމްލަ 41 މީހަކު ދެނެގަނެވިފައިވާ ކަމަށް ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި "ދެރަހަ" ބޯޓުގެ ނުވަ މީހަކުވެސް ހިމެނެއެވެ.

އެ ބޯޓަކީ އަތޮޅު ތެރޭ އެހެން ރަށްތަކަށްވެސް ދަތުރު ކުރި ބޯޓެކެވެ. އެގޮތުން އެ ބޯޓު ގާތްގަނޑަކަށް ހަތަރު ނުވަތަ ފަސް ރަށަކަށް ޖެއްސިކަމަށް އަމްޖަދު ވިދާޅުވި އެވެ.

ތިނަދޫއިން ފުރަތަމަ ފެނުނު ކޭސް އާއެކު، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސް، ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ތިނަދޫއިން ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ މީހެކެވެ. އޭނާ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، ވިލިނގިލީގައި އިހުތިޖާޖުކުރުމުގެ ސަބަބުން އެކަންވަނީ ކުރެވޭ ގޮތް ނުވެފައެވެ.

އެންމެފަހުން އޭނާ މިހާރު ވަނީ މާލެ ގެނެސް، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައެވެ.

comment ކޮމެންޓް