ބަލި މީހުން ތަފާތުކުރުމަކީ ކޮވިޑަށް ވުރެ ނުރައްކާ ބައްޔެއް: ޑރ، ނަޒްލާ

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެޗްއީއޯސީ

ވަކި ރަށަކަށް ނިސްބަތްވާ މީހަކު ބަލިވުމުން އޭނާއާ މެދު ތަފާތުކުރުމަކީ ކޮވިޑް19 އަށް ވުރެ ނުރައްކާ ބައްޔެއް ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން، ވިލިނގިލީގައި ބަޔަކު ވަނީ މިއަދު އިހުތިޖާޖުކޮށްފައެވެ.

އަދި އިހުތިޖާޖާ ގުޅިގެން، އެމީހާ އަނބުރާ ތިނަދުއަށް ގެންގޮސް، މިއަދު ވަނީ މާލެ ގެނެސް، ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްފައެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވަނީ މި މައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލަ ބަލައި ރިޕޯޓެއް ތައްޔާރުކުރަމުން އަންނަ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބެލުމަށްފަހު ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ޖެހޭ މީހަކަށް ނަފްސާނީ ގޮތުން ވެސް އަސަރުތަކެއް ކުރާ ކަމަށާއި، ފަރުވާ ލަސްވެގެން ދިއުމަކީ ސިއްހީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކުން ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިންސާނުން، އަދި ވަކިން ހާއްސަކޮށް ދިވެހިން ދިވެހިންނަށް ނުދިން އެހީތެރިކަމެއް ދޭނެ އިތުރު ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ.

"މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފަ ހުރިއޭ ކިޔާ ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް ނަވާރައަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން މީހުންނަށް އަޅާލައި އޯގާތެރިކަން އިސްކުރުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ނަޒްލާގެ އިތުރުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާތިމަތު ހިމްޔާ ވެސް ވިދާޅުވީ މިގޮތަށް މީހުންނާ މެދު ތަފާތުކުރުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި، އެގޮތަށް ކަން ނުކުރުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް