ވިލިނގިއްޔަށް ނޭރުވި ބަލި މީހާ މާލެ ގެނެސްފި

ވިލިނގިއްޔަށް ނޭރުވި ބަލި މީހާ ބަލައި ތިނަދުއަށް ދިޔަ މޯލްޑިވިއަންގެ ސީޕްލޭން

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް19 ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ބަލިމީހާ، މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފިއެވެ.

ވިލިނގިލީ ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރީ ގދ. ތިނަދުއިން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހެކެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދުއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެ މީހާ ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރުވި، ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދޫއަށް ވަނީ ގެންގޮސްފައެވެ.

އެޗްޕީއޭއިން ބުނީ މިހާރު އޭނާ މާލެ ގެނެސްފައިވާ ކަމަށާއި ހުޅުމާލޭ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވިލިނގިއްޔަށް އޭނާ ނޭރުވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި ހުރި ފެސިލިޓީ އެހެން ތަނަކަށް ބަދަލުކުރުމަށް ބައެއް މަޖިލިސް މެމްބަރުން ވެސް މިއަދު ވަނީ ގޮވާލައްވައިފައެވެ.

އަދި ގއ. އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ އެއީ ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް ކަމަށާއި، އެކަމުގައި ބައިވެރިވި މީހުންނާއި އެކަމަށް ހިތްވަރު ދިން މީހުން ހޯދައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައެވެ.

comment ކޮމެންޓް