52 ގްރާމް މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ފޮޓޯ/ ޕޮލިސް

ނ. ވެލިދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުހުމަތުގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި އޮޕަރޭޝަނުގައި އެކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 52 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް