ބަލިމީހާ ވިލިނގިއްޔަށް ނޭރުވުމަކީ ނާތަހުޒީބީ، ލާއިންސާނީ އަމަލެއް: އަތޮޅު ކައުންސިލް

ވިލިނގިލީގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ ކިޔުންތެރިއެއް

ގދ. ތިނަދުއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުމަކީ ނާތަހުޒީބު އަދި ލާއިންސާނީ ކަމެއް ކަމަށާއި، އެކަން ކުރި އެންމެން ހޯދައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގއ. އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެ މީހާ ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރުވި، ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރި ތިބުމަށްފަހު އަނބުރާ ތިނަދުއަށް ފުރީ ވިލިނގިއްޔަށް އަރަން ބަލި މީހާ ބޭނުން ނުވުމުންނެވެ.

ތިނަދުއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެކެވެ. އުމުރުން 65 އަހަރުގެ މީހުންނަށް ފަރުވާދޭން ޖެހެނީ ފެސިލިޓީތަކުގައި ބައިތިއްބައިގެންނެވެ.

އެ މައްސަލައިގައި އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިނަދުއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހަކު މިއަދު ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެނައުމަށް ކުރި މަސައްކަތަށް ހުރަސްއަޅައި، ވިލިނގިއްޔަށް އަރުވަން ވިލިނގިލީގެ މަދު ބަޔަކު ނުކުމެ، މަސައްކަތް ކޮށްފައިވާތީ އެކަން އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ އިން ހުވަދުއަތޮޅުން ކޮވިޑް19 އަށް ޕޮޒިޓވްވާ ބަލިމީހުންނަށް ފަރުވާދެވެން ޖެހޭނެ ކަމަށާއި އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން ކޮވިޑް19 އަށް ފައްސިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، މި ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ޖެހޭނީ ކޮވިޑަށް ހާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައިކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން 29 އޯގަސްޓް ވަނަ ދުވަހު ގދ. ތިނަދޫން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހާއަށް ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީން ފަރުވާދެވެން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"އެހެންކަމުން މިއަދު ވިލިނގިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބީ އަދި ލާއިންސާނީ އަމަލު ކުށްވެރިކޮށް، މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ މިއަދު ވިލިނގިލީގައި ހިނގާދިޔަ ލާއިންސާނީ އަމަލު އެންމެ ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ބަލިމީހާއަށް ފަރުވާ ދެވެން ޖެހޭނެ ކަމަށެވެ.

"އެކަން ކުރި މީހުންނާއި އެކަމުގައި ބައިވެރިވެ ހިތްވަރު ދިން މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިއަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ވިލިނގިލީގައި ގާއިމުކުރި ކޮވިޑް-19 ފެސިލިޓީއަކީ ފަރުވާ ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ބުނެ ކަމަށެވެ. އެގޮތުން އެތަނުގައި ހުންނަނީ އެންމެ ވެންޓިލޭޓަރެއް ކަމަށާއި، ކޮވިޑް ޓެސްޓު ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ބުންޏެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށް ބުންޏެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް މުސްތަފާ މުހައްމަދު "ސަން"އަށް ވިދާޅުވީ، މުޒާހަރާ ކުރަމުން ދަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، އާންމު ސިއްހަތުގެ ނިޒާމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ.

comment ކޮމެންޓް