ލުބުނާނުގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ މުސްތަފާ އަދީބުއާ ހަވާލުކޮށްފި

ލުބުނާނުގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ވަނީ އެގައުމުގެ ސަފީރު މުސްތަފާ އަދީބުއާ ހަވާލުކޮށްފަ --- ފޮޓޯ: ގެޓީ

ބޭރޫތު (އޮގަސްޓު 31): ލުބުނާނުގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ އެގައުމުގެ ސަފީރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުސްތަފާ އަދީބުއާ ހަވާލުކޮށްފި އެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ލުބުނާނުން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށްވާ އަދީބަށް ސަރުކާރު އެކުލަވާލުމުގެ ޒިންމާ ހަވާލު ކުރަން އެގައުމުގެ ޕާލިމެންޓުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 120 ވަރަކަށް މެމްބަރުންގެ ތެރެއިން 90 މެމްބަރުން ތާއިދު ކުރެއްވި އެވެ. އޭގެ ތެރޭގައި ހިޒްބުﷲ އާއި އެ ޖަމާއަތާ ގުޅުން ހުރި ޕާޓީތަކާއި ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީގެ ފިއުޗާ މޫވްމެންޓު އެލަޔަންސުގެ މެމްބަރުން ހިމެނުނެވެ.

އެ ޒިންމާ ގަބޫލު ކުރައްވަމުން އަދީބު ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންނަށް ވައުދުތައް ވާންވީ ވަގުތެއް ނޫނެވެ. ނަމަވެސް ލުބުނާނުގެ ރައްޔިތުންގެ މެދުގައި އުއްމީދު އާލާ ކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ.

"މިއީ ލުބުނާނުގެ ރައްޔިތުންގެ މެދުގައި އުއްމީދު އާލާ ކުރުމަށް ޓަކައި އަތާއި އަތް ގުޅުވައިގެން އެއްކޮށް މަސައްކަތް ކުރަންވީ ވަގުތު. އަދި އަޅުގަނޑުމެން އުއްމީދު ކުރަނީ މިހާރު ބޭނުންވާ މާލީ އަދި އިގުތިސާދީ އިސްލާހުތައް ގެނެވޭނެ ފަދަ މާހިރުން [މި ސަރުކާރަށް] ހޯދޭނެ ކަމަށް،" އަދީބު ވިދާޅުވި އެވެ.

ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ހަސަން ދިއާބު މި މަހުގެ 10ގައި މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު 4 ވަނަ ދުވަހު ބޭރޫތުގެ ބަނދަރުގައި ހިނގި ބާރުގަދަ ގޮވުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ.

ބޭރޫތުގެ ބަނދަރުގައި ގޮވި ގުދަނަކީ ގަސްކާނާ އާއި ބޮން ހަދަން ވެސް ބޭނުން ކުރެވިދާނެ ކެމިކަލެއް ކަމަށްވާ އެމޯނިއަން ނައިޓްރޭޓް ގިނަ އަދަދަކަށް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަދި އެ ކެމިކަލްތައް 2013 ވަނަ އަހަރުން ފެށިގެން ގުދަނުގައި ބަހައްޓާފައި ވަނީ އެކަށީގެންވާ ވަރަށް ރައްކާތެރި ފިޔަވަޅުތައް ނާޅާ ކަމަށް ދިއާބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެ ހާދިސާގައި 190 މީހަކު މަރުވެ، 6،500 މީހުންނަށް އަނިޔާވި އެވެ. އަދި އިގުތިސާދު ހީނަރުވެ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ލުބުނާނަށް އިތުރު އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް