ރާއްޖޭގެ މަހުގެ ބާވަތްތައް ޕޭޓެންޓުކުރުމާ މެދު ވިސްނަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ތައްޔާރުކުރާ މަހުގެ ބާވަތްތަކާއި ބްރޭންޑުތައް ޕޭޓެންތުކުރުމާ މެދު ސަރުކާރުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ.

ސްރީލަންކާއިން ރާއްޖޭގެ ނަން ބޭނުންކޮށް، "މޯލްޑިވް ފިޝް"ގެ ނަމުގައި ކަނޑުމަހުގެ ބާވަތްތައް ތައްޔާރުކޮށް އޭގެ ވިޔަފާރިކުރާތީ އެކަމާ ބެހޭގޮތުން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެކަން ހުއްޓުވޭނީ އެ ބްރޭންޑު ޕޭޓެންޓުކޮށްގެން ކަމަށެވެ.

މިއަދު ހަވީރު މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތަކަށް ކައިރި ގައުމުތަކުގެ މަސްބޯޓުތައް ވަދެ ވަގަށް މަސްވެރިކަން ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޯޓުފަހަރު އަތުލައިގަނެވުނަސް އިންސާނިއްޔަތުގެ ނަޒަރުން ބަލާފައި، އަދި ގައުމުތަކާ އޮންނަ ގުޅުމަށް ބަލާފައި އެ އޮޑިތައް ދޫކޮށްލަނީ ކަމަށެވެ.

"ލިބޭ މައުލޫމާތުން އެ ބޯޓުތފަހަރު އަތުލައިގަންނަ އިރު އިންޖީނުގައި ދޮންކަންވެސް ހުރޭ. ހަމަ ކަނޑައެޅިގެން އެ ބޯޓުތފަހަރަކީ މަސްވެރިކަމުގެ ނިޔަތުގައި މަސްވެރިކަން ކުރުމަށް ރާއްޖެ ވަންނަ ބޯޓުފަހަރުކަން އެނގޭ،"

ސަލީމް ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ މިފަދައިން ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށް، އަނބުރާ ގައުމަށް ގޮސް އެ މަސްތައް ދިވެހި މަހުގެ ގޮތުގައި ނުވަތަ "މޯލްޑިވް ފިޝް"ގެ ބްރޭންޑުގައި، ވަރަށް ބޮޑު ފައިދާ ލިބޭ ގޮތަށް ވިޔަފާރިކުރާތީ ކަމަށެވެ.

މެމްބަރު ސަލީމް ވިދާޅުވީ މޯލްޑިވް ފިޝްއަކީ ދުނިޔޭގައި ވަރަށް ހާއްސަ ގަދަރެއް ދެވޭ ބްރޭންޑަކަށް ވީ ނަމަވެސް އެ ބްރޭންޑުގެ މިލްކުވެރިކަން ރާއްޖެއަށް ނެތްކަން ވަރަށް ސާފުވާ ކަމަށެވެ.

https://sun.mv/142401

"ދިވެހިރާއްޖޭގެ މަސްވެރިންނާއި އިންޑަސްޓްރީއަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަމަކީ މޯލްޑިވް ފިޝް ޕޭޓެންޓުކުރުން. މިކަމަށް ވިސްނާލާއިރު ސާފުވެގެން ދިޔައީ އަދި ޕޭޓެންޓުކުރުމާ ބެހޭ ގާނޫނެއް ނެތްކަން. މޯލްޑިވް ފިޝް ބްރޭންޑެއްގެ ގޮތުގައި ޕޭޓެންޓުކުރެވިގެން ދިއުމަކީ ކުރިމގަަށް މަސްވެރިކަމުގެ ސިނާއަތަށް، އަދި މި ރޮނގުން އިތުރު އާމްދަނީއާއި ނަފާ ހޯދަަން ބޭނުންވާނަމަ ވަރަށް މުހިންމު އަދި ވަރަށް ބޭނުންރެރި ކަމެއް ކަމުގައި ފާހަގަކުރަން،" ސަލީމް ވިދާޅުވިއެވެ.

މޯލްޑިވް ފިޝް ބްރޭންޑުގެ އިތުރުން، ރާއްޖޭގައި އޮޑިދޯނިފަހަރު ބަންނަ ގޮތާއި، ރިހާކުރު ތައްޔާރުކުރާ ގޮތާއި، މަހުގެ އެކިއެކި ބާވަތްތައް ސަގާފީ ގޮތްގޮތަށް ތައްޔާރުކުރާ ގޮތްތައް ޕޭޓެންޓުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ އަގުބޮޑު މުދަލަކީ ފިކުރީ މުދާ. ޒަމާނުއްސުރެ، އެތައް ސަތޭކަ އަހަރެއް ވަންދެން ކާބަފައިން ކަންކަން ކުރުމުގައި މި ހޯދި މައުލޫމާތާއި ނޮލެޖު އަޅުގަނޑުމެން ހިމާޔަތްކޮށް ރައްކާނުކޮށްފިނަމަ އޭގެން ލިބޭނެ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް މިކަންކަން ރައްކާތެރިކޮށްދީ، އޭގެން އިގްތިސާދީ ނަފާ ހޯދޭނެ މަގު ތަނަވަސް ކޮށްދޭންޖެހޭ ކަމަށެވެ. އެހެންކަމުން މިކަމާ މެދު ސަރުކާރުން ވިސްނުމަށް ސަލީމް ގޮވާލެއްވިއެވެ.

comment ކޮމެންޓް