ޕާކިސްތާނާއި ބަންގްލަދޭޝްގެ އާ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ޕާކިސްތާނުގެ އާ ސަފީތު އަތުހަރު މުހުތާރު (ވ) އަދި ބަންގްލަދޭޝްގެ އާ ސަފީރު ނަޒްމުލް ހަސަން --- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅި އާ ހައިކޮމިޝަނަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ވައިސް ރިއާ އެޑްމިރަލް (ރޓޑ) އަތުހަރު މުހުތާރެވެ. އޭނާއަކީ 1984 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ނޭވީގެ އޮޕަރޭޝަންސް ބްރާންޗުގައި ހިދުމަތްކުރައްވަމުން އައި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޕާކިސްތާނު ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމުގައެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިއާ އެޑްމިރަލް ނަޒްމުލް ހަސަންއެވެ. އޭނާއަކީ 1986 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ނޭވީގައި ހިދުމަތްކުރައްވަމުން އައި ބޭފުޅެކެވެ. އަދި ބަންގްލަދޭޝްގެ ނޭވީ ފްލީޓުގެ ކޮމާންޑަރުކަންވެސް އޭނާ ކުރެއްވިއެވެ.

ޕާކިސްތާނުގެ އާ ސަފީރު ވައިސް އެޑްމިރަލް އަތުހަރު މުހުތާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދެ ސަފީރުންވެސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސަފީރުކަމުގެ ފަތްކޮޅު ވަކިވަކިން އަރުއްވައިފައެވެ.

ޕާކިސްތާނުގެ އާ ސަފީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ދާދި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ޕާކިސްތާނުގެ ސަރުކާރުން ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލުކުރުމުގެ ކާމިޔާބީއަށް ރައީސް ސޯލިހު ތައުރީފުކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އާ ސަފީރާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ތަރައްގީއާއި، ސިއްހަތާއި ތައުލީމީ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ދެއްވާފައިވާ އަދި ދެމުން ގެންދާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ބަންގްލަދޭޝްގެ އާ ސަފީރު ރިއާ އެޑްމިރަލް ނަޒްމުލް ހަސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގެ އާ ސަފީރު ނަޒްމުލް ހަސަނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަބަދުވެސް ވަމުން ގެންދާ އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަންގްލަދޭޝުން ރާއްޖެއަށް ކާނާއާއި ބޭހާއި އިކުއިޕްމަންޓް އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފޮނުއްވީތީ އެކަމާށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ބަންގްލަދޭޝް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ކުރާ ފައިދާތަކުގެ ވާހަކަތައް ފާހަގަ ކުރައްވައި، މަސައްކަތްތެރިން ރެގިއުލަރައިޒްކުރުމާއި ރިޕެޓްރިއޭޓުކުރުމަށް ކުރަމުންދާ މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުން ދޭ އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ތެރެއިންވެސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހީންނަށް ބަންގްލަދޭޝް ސަރުކާރުން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުމާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

comment ކޮމެންޓް