ސްރީލަންކާގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު ރޯހަނަ ބެއްދަގޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ހައިކޮމިޝަނަރު ރޯހަނަ ބެއްދަގޭ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުކަމަށް ރޯހަނަ ބެއްދަގޭ އައްޔަނުކުރަން އެގައުމުގެ ސަރުކާރުން ނޮމިނޭޓުކުރުމުން އެކަމަށް ޕާލަމެންޓުގެ ރުހުން ދިނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ލަންކާގެ އާ ސަފީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައެވެ. އަދި އެއަށްފަހު ރައީސްއާއި ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ މެދު ވާހަކަދައްކަވާފައެވެ.

އެގޮތުން ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ހާލަތުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެގައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސްރީލަންކާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ލަންކާއިން ވާ އެހީ ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު ރޯހަނަ ބެއްދަގޭ -- ފޮޓޯ/ ރައީސް އޮފީސް

ހައިކޮމިޝަނަރު ރޯހަނަ ބެއްދަގޭ ރައީސް ސޯލިހަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަނީ ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނަގެ ނަމުގައި މަރުހަބާ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި ސަގާފަތާއި ތަރިކައިގެ ގުޅުމަކާއި ހާއްސަ އިތުބާރެއް އޮންނަކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ތައުލީމާއި ސިއްހަތާއި ސަގާފަތުގެ ދާއިރާއިން ހުރި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރެއްވުމާ ބެހޭގޮތުންވެސް ސަފީރު ވާހަކަދެއްކެވިއެވެ.

ބެއްދަގޭއަކީ ސްރީލަންކާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް މިއުޒިޝަނެއްގެ އިތުރުން ފިލްމީތަރިއެކެވެ. އަދި އޭނާ ވަނީ އެތައް އަހަރެއް ވަންދެން ސްރީލަންކާގައި ސަގާފީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކޮށްފައެވެ.

ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޯހަނަ ބެއްދަގެއަކީ މިދިޔަ އަހަރު އެގައުމުގައި އޮތް ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަންކުރާ ޕޮޑުޖަނަ ޕާޓީއަށް ތާއީދުކުރި ފަންނާނުންތަކެއްގެ ތެރެއިން އެކަކެވެ. އަދި މީގެ ކުރިން ސަރުކާރުގެ އެއްވެސް މަގާމެއް އޭނާ އަދާކުރައްވާފައިވާކަން އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް