ވިލިނގިއްޔަށް ނޭރުވުމުން ޕޮޒިޓިވްވި ތިނަދޫ މީހާ ގޮވައިގެން އަނބުރާ ރަށަށް ފުރައިފި

ގއ. ވިލިނގިލީގައި މުޒާހަރާ ކުރި ސަރަަހައްދު -- ސަން ފޮޓޯ ކިޔުންތެރިއެއް

ގދ. ތިނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުން އޭނާ ގޮވައިގެން ސީއެމްބިއުލާންސްގައި އަނބުރާ ތިނަދޫއަށް ފުރައިފި އެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެ މީހާ ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރުވި، ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރި ހުރުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރީ ވިލިނގިއްޔަށް އަރަން ބަލި މީހާ ބޭނުން ނުވުމުންނެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެކެވެ. އުމުރުން 65 އަހަރުގެ މީހުންނަށް ފަރުވާދޭން ޖެހެނީ ފެސިލިޓީތަކުގައި ބައިތިއްބައިގެންނެވެ.

މުޒާހަރާގެ ބައިވެރިއަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ވިލިނގިލީގައި ގާއިމުކުރި ކޮވިޑް-19 ފެސިލިޓީއަކީ ފަރުވާ ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ބުނެ ކަމަށެވެ. އެގޮތުން އެތަނުގައި ހުންނަނީ އެންމެ ވެންޓިލޭޓަރެއް ކަމަށާއި، ކޮވިޑް ޓެސްޓު ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ބުންޏެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށް ބުންޏެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް މުސްތަފާ މުހައްމަދު "ސަން"އަށް ވިދާޅުވީ، މުޒާހަރާ ކުރަމުން ދަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް