މަސްވެރިކަމުގެ ގަވާއިދުތަކާ ހިލާފުވާނަމަ ބޮޑެތި ޖޫރިމަނާތަކެއް

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފިއެވެ.

އިއްޔެ ގެޒެޓުކުރި ގަވާއިދު ހިނގާނީ، ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި މީހުންނާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، މަސް ޕްރޮސެސްކުރާ ތަންތަނާއި، މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް
އުޅަނދުފަހަރާއި، މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަނަށެވެ.

އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދައު އަޅައިގެން، ނުވަ ބާވަތެއް ހިފުން ވަނީ މަނާކޮށްފައެވެ. އެ ބާވަތްތަކަކީ:

- ރެހި
- ބޯދި
- މުގުރާން
- ހޮނޑެލި
- މިޔަރެން
- ނިލަމެހި
- ތާވަޅު ނުވަތަ ތާވަޅަ
- މުށިމަސް
- ރިއްމަސް

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގައި ދައު އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަންޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ އެވެ. މިގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ 3500 ރުފިޔާއުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ އެވެ. މިގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށެވެ.

ގަވާއިދުގައި ބުނެފައި ވަނީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދާ 100 ފޫޓަށް ވުރެ ދިގުވެގެން ނުވާނެ ކަމަށެވެ. އަދި ބޭނުންކުރާ ދަލުގެ ގޮޅިތައް ހުންނަންޖެހޭނެ އެންމެ ކުޑަ ސައިޒަކީ ހަތަރު އިންޗިއެވެ.

މަސްވެރިކަން ކުރުމަށް ދާ އެޅުމަށް ފަހު، ދާ ދޫކޮށްލައިފައި ނުދިއުމަށާއި މަސްވެރިކަން ކުރުމަށް ދާ ބޭނުންކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ދެ ގަޑިއިރަށް ވުރެ ގިނައިރު ދާ ދަމާފައި ނުބޭއްވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ގަވާއިދުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ 13 ބާވަތާއި ރާއްޖެއިން އެކްސްޕޯޓު ކުރުން މަނާ 10 ބާވަތެއް ބަޔާންކޮށްފައިވެއެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރަންވާނީ، އެ ރަށެއް އެގްރީމަންޓު ކުރެވިފައިވާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. ޓޫރިސްޓް ރިސޯޓު ހަދައިފައިވާ ރަށްރަށުގެ އިހްތިސޯސްގެ ތެރޭގައިވާ ފަޅުގެ ސަރަހައްދުން، މަސްވެރިކަން ކުރަންވާނީ، އެ ރިސޯޓުގެ މެނޭޖްމަންޓުން ހުއްދަ ލިބިގެންނެވެ.

އެ ހުއްދަތައް ދޫކުރަންވާނީ، މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށެވެ.

ވަރުވާއަށް ދީފައިވާ ފަޅުރަށަކުން ނުވަތަ ދިގު މުއްދަތަށް ކުށްޔަށް ދީފައިވާ ރަށަކުން އެ ފަރާތެއްގެ ހުއްދަ ނެތި މަސްވެރިކަން ކޮށްފިނަމަ 3000 ރުފިޔާއިން ޖޫރިމަނާކޮށް، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 500 ރުފިޔާ އިތުރު ކުރެވޭނެއެވެ. ޓޫރިސްޓް ރިސޯޓެއްގެ ފަޅުގެ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކޮށްފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މަސްވެރިކަން ކުރުމުގައި އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ނުވަތަ "ބެސްޓް ޕްރެކްޓިސް" އަށް އަމަލުކުރަން ޖެހޭނެއެވެ.

އެގޮތުން ތިމާވެށްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، މަސްވެރިކަމުގައި ބޭނުންކުރާ ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ބާވަތްތަކުގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތައިލެވޭނެ ގޮތްތައް ކަށަވަރުކުރަން ޖެހޭނެ އެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުން މަސްވެރިކަން ކުރުމުގައި، ކަނޑަށް ދޫކުރާ އެއްވެސް އާލާތެއް ބޭނުންކުރާނަމަ، މަސްވެރިކަމުގެ އެ ހަރަކާތެއް ނިމުމުން، އެ އާލާތެއް ކަނޑުން ނަގަންވާނެއެވެ. އަދި މިފަދަ އެއްވެސް އާލާތެއް ގަސްތުގައި ކަނޑަށް ދޫކޮށްލައިފައި ދިޔުމަކީ މަނާ ކަމެކެވެ.

އުޅަނދުގައި އުފެދޭ ކުނި ނައްތައިލުމަށް ނުވަތަ ރައްކާތެރިކުރުމަށް އެކަށީގެންވާ އިންތިޒާމު ހަމަޖައްސައިފައި ނުވާނަމަ 300 ރުފިޔާއން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތަކުރާރު ކުރާ ނަމަ 100 ރުފިޔާއިން ޖޫރިމަނާ އިތުރުކުރަމުން ގޮސް 5000 އާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

މަސްވެރިކަން ކުރުމުގައި ކުރުން މަނާ ކަންތައްތައް

މަސްހިފުމަށް، ނުވަތަ މަސް ބޭނުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް،
މަސް މަރާ ބަޑި ބޭނުންކުރުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުން މަނާވާނެއެވެ.

އަދި މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ފަދަ ވައިގެ
އުޅަނދެއް ބޭނުންކުރުމާއި ރޮދުލުމާއި ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުމާއި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުމާއި އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން ވެސް މަނާވާނެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައްޔާއި، ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ އެއް ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުމާއި އެތެރެވަރީގެ ސަރަހައްދުތަކުގައި ނުވަތަ ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ އެއް ނޯޓިކަލް މޭލުގެ ސަރަހައްދުގައި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުން ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް މަސް ބަދަލުކުރުމުގެ ހަރަކާތް ހިންގުން މަނާ ވާނެއެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ލިބިގެން ކަމަށް ގަވާއިދުގައި ބުނެއެވެ.

ޖޫރިމަނާތައް:

މަސް ހިފުމަށް ބަޑި ބޭނުންކުރުން: 3000 ރުފިޔާ

ހިމާޔަތްކޮށްފައިވާ ސަރަހައްދުން މަސްވެރިކަން ކުރުން: 3500 ރުފިޔާ

މަސް އައިން ހޯދަން ޑްރޯން ބޭނުންކުރުން: 2500 ރުފިޔާ

ރާއްޖޭގައި ކުރުން މަނާ ބާވަތުގެ މަސްވެރިކަން، ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގަވާއިދުގައި ވަނީ އެފަދަ ކަމެއް ކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ މިންވަރު ބަޔާންކޮށްފައެވެ.

ބޮޑު ދަލުގެ (ޕަރސްސެއިން) މަސްވެރިކަން: 400،000 ރުފިޔާ

އޮޔާދާ ދަލުގެ (ޑްރިފްޓް ނެޓް) މަސްވެރިކަން: 400،000 ރުފިޔާ

ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން: 400،000 ރުފިޔާ

ގޮވާ އެއްޗެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން: 100،000 ރުފިޔާ
(ތަކުރާރުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30،000 ރުފިޔާ އިތުރުވާނެ، 400،000 ރުފިޔާއާ ހަމައަށް)

ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން: 100،000 ރުފިޔާ
(ތަކުރާރުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 30،000 ރުފިޔާ އިތުރުވާނެ، 400،000 ރުފިޔާއާ ހަމައަށް)

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ، 75000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ 150،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.

comment ކޮމެންޓް