ކަނޑައަޅާފައިވާ ވަރަށްވުރެ އިތުރަށް ބޮންޑު ވިއްކަން މަޖިލީހުގެ ލަފަޔަކަށް

ނޮވެމްބަރ 13، 2019: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ނެޓް ފައިނޭންސިން އަށްވުރެ އިތުރަށް ބޮންޑު ވިއްކުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް ރައްޔިތުމުގެެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ބޮޮންޑު ވިއްކައިގެން ހޯދުމަށް ކަނޑައަޅާފައިވާ އާމްދަނީ އަށްވުރެ އިތުރަށް ބޮންޑު ވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ޖެހޭތޯ ސާފުކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ.

އަދި އެއަށްވުރެ އިތުރަށް ދަރަނި އިތުރުކުރެވޭނީ ކިހާ މިންވަރަކަށްތޯ ސާފުކޮށްދިނުމަށްވެސް ގަވަރުނަރު ވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނައިފައެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑާއި ޓީބިލު ވިއްކައިގެން 930 މިލިއަން ރުފިޔާ ހޯދަންވެސް ވަނީ ހިނަމައިފައެވެ.

ގަވަރުނަރުގެ ސިޓީގައި ވިދާޅުވީ ސަރުކާރުގެ ސެކިޔުރިޓީސް އިޝޫ ކުރުމުގައި ބަލަނީ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގައި ބޮންޑާއި ސުކޫކު ވިއްކައިގެން ހޯދާ ފައިނޭންސް އަށްވުރެ އިތުރު ނުވާނެހެން އިޝޫ ކުރުމަށް ކަމަށެވެ.

ނަމަވެސް އެސްބީއައި އަށް އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ ބޮންޑު އިޝޫކޮށްފިނަމަ ދަރަނި މިއަށްވުރެ އިތުރުވާނެކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ބަޖެޓުގައިވާ ނެޓް ފައިނެންސިންގެ އަދަދު ކަމުގައިވަ 6.44 ބިލިއަން އަށް ވުރެ އިތުރަށް ސަރުކާރަށް ދަރަނި ނެގިދާނެ ކަމަށާއި ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސިން މިއަދަދަށް ދަށްކޮށްފިނަމަ ބަޖެޓާ އެއްގޮތަށް އަމަލުކުރެވުނުކަމަށް ބެލެވިދާނެ ކަމަށް އެޓާނީ ޖެނެރަލް ލަފާދީފައިވާ ކަމަށްވެސް ގަވަރުނަރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

"ސަރުކާރުގެ ސެކިޔުރިޓީޒް އިޝޫ ކުރަނީ ސަރުކާރުގެ އެޖެންޓެއްގެ ގޮތުގައި މި އޮތޯރިޓީ މެދުވެރިކޮށްކަމަށް ވާތީ، ސެކިޔުރިޓީޒް ވިއްކައިގެން ފައިނޭންސިން ހޯދުމުގައި ބަޖެޓުގައި ހިމަނުއްވާފައިވާ 5.56 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ސަރުކާރުން ސެކިޔުރިޓީޒް އިޝޫ ކުރެއްވުމުގައި ތިޔަ މަޖިލީހުގެ ހުއްދައެއް ހޯދަންޖެހޭތޯ ސާފުވެފައި ބޭއްވުމަށް ބޭނުންވާތީ މިކަން ސާފުކޮށްދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ގަވަރުނަރުގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މަޝްވަރާ ކުރަންޖެހޭ ފަރަތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް