އަމާޒަކީ ދޯނިތަކުގައި މަސް ފިނިކުރެވޭ ނިޒާމު ގާއިމުކުރުން: ފިޝަރީޒް މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ފޮޓޯ/ މަޖިލިސް

މިނިސްޓްރީގެ އަމާޒަކީ ރަށްރަށުގައި އައިސް ޕްލާންޓު ގާއިމުކުރުމުގެ ބަދަލުގައި މަސް ދޯނިތަކުގައި މަސް ފިނި ކުރެވޭނެ ނިޒާމު ގާއިމުކުރުންކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، އައިސް ޕްލާންޓްތައް ގާއިމުކުރުމަކީ މިހާރު މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީގެ ވިސްނުމަކީ، ދޯނިތަކުގައި ރެފްރިޖެރޭޓެޑް ސީ ވޯޓާ (އާރުއެސްޑަބްލިއު) ސިސްޓަމް ގައިމުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އައިސްޕްލާންޓް އެެޅުމެއް ނޫން. ދޯނިފަހަރުތަކުގައި އާރުއެސްޑަބްލިއު ސިސްޓެމް ނިޒާމް ގާއިމުކުރުން. އޭރަށް އެބޭފުޅުންނަށް [މަސްވެރިންނަށް] ވަގުތާއި ހަރަދުވެސް ސަލާމަތް ވާނެ،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

އާރުއެސްޑަބްލިއު ސިސްޓަމަކީ، ދޯނިތަކުގައި މަސް އައިސްކުރެވޭނެ ނިޒާމެކެވެ.

ޒަހާ ވިދާޅުވީ، މިނިސްޓްރީން ތަރުހީބު ދެނީވެސް އެފަދަ ސިސްޓަމް ގައިމުކުރުން ކަމަށެވެ. ނަމަވެސް ކަމުގެ އިތުރު ތަފްސީލެއް ޒަހާ ނުދެއްވައެވެ.

މިއަދު މިނިސްޓަރު މަޖިލީހަށް ވަޑައިގަތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރައްވާ ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

މަޑުއްވަރީ މެމްބަރުގެ ސުވާލު އަމާޒުކުރެއްވީ ރ. މަޑުއްވަރީގައި އަޅަން ހަމަޖެހިފައި އޮތް އައިސް ޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ވީއެމްއެން ކިޔާ ކުންފުންޏަކާ 13 ނޮވެމްބަރު 2019 ގައި މަސައްކަތް އެވޯޑުކުރީ 4.1 މިލިއަން ރުފިޔާގެ އަގަކަށް ކަމަށެވެ. އަދި މަސައްކަތުގެ އީއައިއޭ ހަދައިގެން އައިސް ޕްލާންޓު އަޅައި ނިންމަން ހަމަޖެހިފައި އޮތީ 25 އޭޕްރިލް އަށް ކަމަށެވެ.

އެހެންނަމަވެސް ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ މަސައްކަތް އަވަސްކުރުވުމަށް މަޝްވަރާކުރެވުނު ކަމަށާއި އެކަމަށްވެސް ކުރިއެރުން ނުލިބުނު އިރު، ކުންފުނީގައި މަސައްކަތް ކުރުމުގެ ފައިނޭންޝަލް ކެޕޭސިޓީ ނެތްކަން ފާހަގަކުރެވުމުން އެއްބަސްވުން 13 އޯގަސްޓުގައި ބާތިލުކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭރާ ހަމައަށް ނިމިފައި އޮތީ އައިސް ޕްލާންޓުގެ އީއައިއޭ، ފައުންޑޭޝަން އަދި ވަށާފާރު ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް ކުރުމަށް ކަމުގެ ތަޖުރިބާހުރި ދައުލަތުގެ ކުންފުންނަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އައިސް ޕްލާންޓަކީ ބޭރުން ވަކި ޓެކްނިކަލް ސްޕެސިފިކޭޝަނަކަށް ތައްޔާރުކޮށްގެން ގެންނަންޖެހޭ އެއްޗަކަށް ވާތީ، އައިސް ޕްލާންޓު ގާއިމުކުރަން މަދުވެވެން 120 ދުވަސް ބޭނުންވާނެ. އެހެންވީމަ މިހާރު މަސައްކަތް ނިމޭނެކަމަށް އަންދާޒާކުރެވެނީ 2020 ގެ ޑިސެމްބަރުގައި، ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

comment ކޮމެންޓް