ހައިޟުވުމުން ޗުއްޓީ ދޭން ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތާއީދެއް ނުލިބުނު

ޖޫން 14، 2019: މެމްބަރު މޫސާ ސިރާޖު މަޖިލީހުގެ ކޮމެޓީއެއްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާއި ގުޅިގެން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާހެއް ނުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީން އެކުގައި ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފަ އެވެ. ހައިޟުގެ ޗުއްޓީ ދޭ ގޮތަށް އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

އެ ބިލާ މެދު ރޭ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ވަނީ ވޯޓަށް އަހައިފަ އެވެ. މެމްބަރުން ވޯޓު ދެއްވީ އެ އިސްލާހު ހުށަހަޅަން ނުފެންނަ ކަމަށެވެ. މިކަން މެމްބަރު ސިރާޖު ވަނީ މިއަދު "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ޕީޖީ ގްރޫޕުގެ ތާއީދު ނުލިބުމުން އިސްލާހު އަނބުރާ ގެންދަވާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީ ހައްގުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ އެވެ. އަދި ހައިޟުގެ އެއް ދުވަހުގެ ޗުއްޓީ ނުނަގައި ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު ދޭން ޖެހޭނެކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

comment ކޮމެންޓް