ލުބުނާނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ކާނާ ނުލިބުމުގެ ނުރައްކާ އެބައޮތް: އދ

ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރު ގޮވި ހާދިސާގައި އެސަރަހައްދުގައި ހުރި އެތައް އިމާރާތެއް ބޭނުން ނުކުރެވޭ ވަރުވި -- ފޮޓޯ: ގެޓީ

ބޭރޫތު (އޮގަސްޓު 31): މިއަހަރު ނިމޭ އިރު ލުބުނާނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ކާނާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އދގެ އިކޮނޯމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ ވެސްޓަން އޭޝިއާ (އެސްކުވާ)އިން ބުނެފި އެވެ.

އެސްކުވާގެ އެގްޒެކެޓިވް ސެކްރެޓަރީ ރޮލާ ދަޝްތީ ވިދާޅުވި ގޮތުގައި ލުބުނާނުގެ އިގުތިސާދީ ހާލަތު އޮތް ގޮތުން، މިއަހަރު ނިމޭ އިރު އެގައުމުގެ ހަ މިލިއަން މީހުންގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އަސާސީ ކާނާ ލިބޭނެ ގޮތެއް ނުވުން އެކަށީގެންވެ އެވެ.

"މި އަހަރު ނިމޭ އިރު ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އަސާސީ ކާނާ ހޯދޭނެ ގޮތެއް ނުވުން އެކަށީގެންވޭ. އަދި ކާނާ ނުލިބުމުގެ ކާރިސާއަކުން ސަލާމަތްވުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ،" ދަޝްތީ ވިދާޅުވި އެވެ.

ލުބުނާނަށް ބޭނުންވާ ކާނާގެ ތެރެއިން 85 ޕަސެންޓަކީ އެގައުމަށް އެތެރޭ ކުރާ ބާވަތްތަކެވެ. އަދި މިމަހުގެ ފަހެއްގައި އެގައުމުގެ ވެރިރަށް ބޭރޫތުގެ ބަނދަރު ގޮވުމުން ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކުން ބުންޏެވެ.

ބޭރޫތުގެ ބަނދަރު ގޮވުމުގެ ސަބަބުން މިހާތަނަށް 188 މީހަކު މަރުވެ، އެތައް ހާސް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހާދިސާ ހިނގީ ލުބުނާނުގެ އިގުތިސާދު ހީނަރުވެ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

އެސްކުވާއިން ލަފާ ކުރާ ގޮތުގައި ލުބުނާނުގެ އިންފްލޭޝަން މިއަހަރު 50 ޕަސެންޓަށް އިތުރުވެ، ކާނާގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު 141 ޕަސެންޓު އިތުރުވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް