މެސީ ބާސެލޯނާގައި ހިފަހައްޓަން ސްޕެނިޝް ލީގުން ބޭނުންވޭ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ތަށި އުފުލާލަނީ----

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާނުކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، އެކުލަބުގައި ހިފެހެއްޓުމަށް ސްޕެނިޝް ލީގު (ލަ ލީގާ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ދާދި ފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބަށް އަންގާފަ އެވެ. އެކުލަބާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންއަށް ހަމަވާން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

ނަމަވެސް މެސީގެ މި ޓްރާންސްފާއަށް ހުރަސް އެޅުމުގެ ގޮތުން ބާސެލޯނާއިންނާއި، ސްޕެނިޝް ލީގުން ވެސް މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ އިރު މެސީގެ ރިލީޒް ކްލޯސް ނުދައްކާ ހިނދަކު އޭނާއަށް ބާސެލޯނާ ދޫކޮށްލުމުގެ އިހުތިޔާރު ނޯންނާނެ ކަމަށް ސްޕެނިޝް ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، މެސީއަށް ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވާނަމަ 700 ޔޫރޯ އެއްފަހަރާ ބާސެލޯނާއަށް ދައްކަން ޖެހޭނެ އެވެ. ނަމަވެސް އެހާ ބޮޑު އަދަދެއް އެއްފަހަރާ ދެއްކޭނެ މާލީ ތަނަވަސްކަމެއް މިހާރު ޔޫރޮޕުގެ އެއްވެސް ކުލަބެއްގައި ނެތް ކަމަށް ރިޕޯޓްތަކުން ބުނަމުންދާއިރު މެސީގެ ރިލީޒް ކްލޯސް އެއަށް ވުރެން ކުޑަ ކުރުމަށް ކުލަބު ގާތުން މެސީ ވަނީ އެދިފަ އެވެ.

"މި ދެންނެވުނު ކަންކަން [ރިލީޒް ކްލޯސްގެ ކަންކަން] ފުރިހަމަ ނުކުރާ ހިނދަކު، އެ ކުޅުންތެރިޔާގެ ޓްރާންސްފާގެ މުއާމަލާތްތައް ނުކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ވަރަށް ސާފުކޮށް ބުނެފައި. އެހެން ކަމުން އެކަން ފުރިހަމަ ކުރުމުން މެނުވީ އެ ކުޅުންތެރިޔާއަށް ބާސެލޯނާ ދޫކޮށްލުމުގެ އިހްތިޔާރެއް ނެތް." ސްޕެނިޝް ލީގުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ މެންޗެސްޓާ ސިޓީއަށެވެ. އަދި ޕީއެސްޖީއާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނުންވެސް މެސީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، މި ސީޒަން ބާސާއިން ނިންމާލީ ހުސްއަތާއެވެ. މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ ފަހަރެވެ. އަދި ބާސާ ވަނީ ލަދުވެތިގޮތަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާން މިއުނިކް އަތުން 8-2 ން ބަލިވެފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް