އެސްޑީއެފްސީއިން އަށް މީޑިއާއަކަށް ލޯނު ދީފި

އެސްޑީއެފްސީގެ ލޯނާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މައުލޫމާތު ސާފުކުރަނީ --- ފޮޓޯ : މީޑިއާ ކައުންސިލް

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް އެހީތެރިވުމަށްޓަކައި މީޑިއާތަކަށް ލޯނު ދިނުމަށް ނިންމާފައިވާއިރު އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް އަށް މީޑިއާއަށް ލޯނު ދީފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެސްޑީއެފްސީގެ އިސް ބޭފުޅުންނާއި މީޑިއާ ކައުންސިލުން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މީޑިއާ ކައުންސިލުގައެވެ.

އެ ބައްދަލުވުމަކީ އެސްޑީއެފްސީއިން މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ ލޯނުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމުގައި މީޑީއާ ކައުންސިލުން ބުންޏެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒީނާދާ ހަވާލާދީ މީޑިއާ ކައުންސިލުން ބުނީ މިހާތަނަށް އަށް މީޑިއާއަކަށް ވަނީ ލޯނުގެ އެހީ ދީފައި ކަމަށެވެ. އަދި އޭގެތެރޭގައި ކުދި މީޑިއާވެސް ހިމެނޭ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް ލޯނަށް ހުށަހެޅި ހުރިހާ ފަރާތްތަކަށްވެސް ލޯނު ދީފައިވާ ވާނެ ކަމަށް އެސްޑީއެފްސީއާ ހަވާލާދީ މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

މީޑިއާ ކައުންސިލަށް މައުލޫމާތު ދިން ގޮތުގައި އަދިވެސް ލޯނަށް އެެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ލޯނަށް އެދި ހުށަހެޅުމުގައި އަމަލުކުރަންވީ އުސޫލާއި އެހެން މައުލޫމާތު އެސްޑީއެފްސީ ވެބްސައިޓުން ލިބޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

އެހެންކަމުން ލިޔެކިޔުންތައް ހަމަކުރުމަށްފަހު ވީހާވެސް އަވަހަކަށް ލޯނު ބޭނުންވާ މީޑިއާތަކުން ލޯނަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

comment ކޮމެންޓް