ހިޔާ ފްލެޓް ލިބޭ ދާއިމީ ލިސްޓު ފުރިހަމަކުރަން ޝަކުވާ ހުށަހަޅަން އެދިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތަކެއް --- ސަން ފޮޓޯ : ފަޔާޒު މޫސާ

ހަތަރު ކެޓަގަރީއަކުން ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު، ދާއިމީ ލިސްޓު އެކުލަވާލުމަށް ވީހާވެސް ގިނަ ޝަކުވާތައް އާންމުކޮށްފައިވާ ލިސްޓްތަކަށް ހުށަހެޅުމަށް ފްލެޓް ކޮމިޓީއިން މިއަދު އެދިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ފްލެޓް މައްސަލަ ބަލާ ކޮމިޓީއިން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ބެލުމަށްފަހު، މިދިޔަ ހޯމަ ދުވަހު ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ.

އެ ކޮމިޓީއިން އާންމުކޮށްފައިވަނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީއާއި H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީއާއި H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީއާއި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ) ކެޓަގަރީ އެވެ.

އެ ކޮމިޓީއިން ވަގުތީ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީވެސް ހޯމަ ދުވަހު އެވެ. އަދި އަންނަ މަހުގެ 14ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މިއަދު އެ ކޮމިޓީއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި ހޯމަ ދުވަހު ނެރުނު ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ލިސްޓުތަކުގެ ޕޮއިންޓް ދީފައިވާ ގޮތާ މެދު ކޮންމެ ފަރާތަކަށްވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ކޮމިޓީއިން ވަނީ ބުނެފަ އެވެ.

ކޮމިޓީއިން އިތުރަށް ބުނެފައިވަނީ އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ އެ ހަތަރު ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކާއި ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފަ އެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަރުތު ހަމަ ނުވާ ސަބަބުވެސް އެ ލިސްޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް