އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ: ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި

އޭޕްރީލް 5، 2020: އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން އެކުންފުނިން ފާސްކޮށްފި އެވެ.

މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްވީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 99.99 ޕަސެންޓު އަޣުލަބިއްޔަތުންނެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ މިދިޔަ އަހަރަކީ އެކުންފުންޏަށް ލިބުނު ފައިދާގެ ގޮތުން ރަނގަޅު އަހަރެއް ކަމަށެވެ.

ޖުމުލަ ފައިދާ އެންމެ ބޮޑު އަހަރު ކަމަށެވެ. އެގޮތުން ޖުމުލަ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން 45 ޕަސެންޓު ލިބިފައިވަނީ ތެލުގެ ވިޔަފާރި ނޫން ވިޔަފާރިތަކުން ކަމަށް އަމްރު ވިދާޅުވި އެވެ.

މުޅި އެސްޓީއޯ ގްރޫޕަށް ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 303 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 289 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މުޅި އެސްޓީއޯ ގުރޫޕަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 383 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް