ކަނޑަށް ތެޔޮ ބޭރުވެ، ކޯމަސްތައް މަރުވުމުން މޮރިޝަސްގައި މުޒާހަރާކޮށްފި

މޮރިޝަސްގެ ވެރިރަށުގައި އިއްޔެ ބޭއްވި މުޒާހަރާގައި އެތައް ހާސް މީހުން ބައިވެރިވި -- ފޮޓޯ: އޭއެފްޕީ

ޕޯޓް ލުއީ (އޮގަސްޓު 30): މިދިޔަ މަހު މޮރިޝަސް ކައިރިން ދަތުުރު ކުރަމުން ދިޔަ ބޯޓެއް ފަރަކަށް އެރުމުން ކަނޑަށް ތެޔޮ ބޭރުވެ، ކޯމަސްތަކެއް މަރުވުމާ ގުޅިގެން އެގައުމުގައި އެތައް ހާސް މީހުން މުޒާހަރާކޮށްފި އެވެ.

މިދިޔަ މަހުގެ 25ގައި ޖަޕާނުގެ ބޯޓެއް ކަމަށްވާ އެމްވީ ވަކާޝިއޯ މޮރިޝަސްގެ އައްސޭރިފަށުން ފަރަކަށް އެރުމުން އޭގެއިން އުފުލަމުން ދިޔަ 4،000 ޓަނުގެ ތެލުގެ ތެރެއިން 1،000 ވަރަކަށް ޓަނު ކަނޑަށް ބޭރުވި އެވެ. އަދި އެ ސަަރަހައްދަށް ތެޔޮ ފެތުރި، އޭގެ ފަހުން މޮރިޝަސް ކައިރިން މަރުވެފައިވާ 40 ކޯމަސް ފެނިފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ކޯމަސްތައް މަރުވީ ތެލުގެ ސަބަބުންތޯ ބެލުމަށް ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ގޮވާލާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އިއްޔެ މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީގައި ބޭއްވި މުޒާހަރާގައި ބައެއް މީހުން ވަނީ ތެޔޮ ބޭރުވި ހާދިސާއާ ބެހޭ ގޮތުން ސަރުކާރުން އެކަށީގެންވާ ވަރަށް މައުލޫމާތު ފޯރުކޮށް ނުދޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ މޮރިޝަސްގެ ސަރުކާރުން އިސްތިއުފާ ދިނުމަށްވެސް ގޮވާލާފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގުތަކުގައި މިނިވަން މާހިރުންގެ ހިޔާލު ހޯދުމަށް ގޮވާލާފަ އެވެ.

މޮރިޝަސްގެ ސަރުކާރުން ވަނީ މަރުވެފައިވާ ހުރިހާ ކޯމަހެއްގެ އޮޓޮޕްސީ ހަދާ، ތެޔޮ ބޭރުވި މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް ހަދާފަ އެވެ. އަދި މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ލެއްގި 25 ކޯމަހުގެ އޮޓޮޕްސީގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް އެގައުމުގެ ފިޝަރީސް މިނިސްޓްރީން ބުންޏެވެ.

އެމްވީ ވަކާޝިއޯ ފަރަކަށް އެރީ ސިންގަޕޫރުން ބްރެޒިލްއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ މައްސަލައިގައި މޮރިޝަސްއިން ބޯޓުގެ ކެޕްޓަން އާއި ޗީފް އޮފިސަރު ހައްޔަރު ކުރި އެވެ.

މޮރިޝަސް އިން ވަނީ އެ ހާދިސާ އިން ލިބުނު ގެއްލުމުގެ ބަދަލު ބޯޓުގެ ވެރިފަރާތާއި ބޯޓު އިންޝުއާ ކުރި ބަޔެއްގެ ފަރާތުން ހޯދާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް