ފުލުހަށް ހާޒިރުކުރެއްވުމުން ރައީސް ވަހީދު ހުންނެވީ ހަނު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފުލުހަށް ހާޒިރުކުރެއްވުމަށްފަހު ނިކުމެވަޑައިންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަދު ފުލުހަށް ހާޒިރު ކުރެއްވުމުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށާއި ހަނު ހުންނެވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު 1600 ގައި ފުލުހަށް ހާޒިރުވެވަޑައިންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ފުލުހަށް ހާޒިރުކުރައްވާފައިވަނީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާއާ ގުޅިގެން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގައި އިދިކޮޅުން ވަނީ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާގައި ރައީސް ވަހީދު ބައިވެރިވެވަޑައިންނަވާފައިވާއިރު އެމަނިކުފާނު މާސްކު ބޭނުން ނުކޮށް އުޅުއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

"އާންމު ސިއްހަތުގެ ގަވާއިދާ ހިލާފަށް މާސްކު ނާޅާ ހުރި ކަމަށް ތުހުމަތު ކުރެވިގެން ފުލުހަށް ހާޒިރުކުރީ. ދެން އޭގެއިތުރުން އަޅުގަނޑު ވާހަކަ ދެއްކިލެއް ބާރުކަމުން ފަހަރެއްގައި ބައެއްގެ ހިތްތަކަށް ބިރުވެރިކަމެއް އުފެދިދާނެތީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މައްސަލައާ ގުޅިގެން ސުވާލު ކުރެއްވުމުން ހުންނެވީ ހަނު ކަމަށާއި ދެން އެ މައްސަލަ ކުރިއަށްދާނީ ވަކީލެއް ހަމަޖެއްސުމަށް ފަހުގައި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ކުރީން ވިދާޅުވީ، އެމަނިކުފާނު މުޒާހަރާގެ ތެރޭގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ. މާސްކު ނެންގެވީ ވާހަކަފުޅު ދައްކަވަން ކަމަށާއި، ނަމަވެސް އޭރުވެސް ހުންނެވީ މުޒާހަރާގެ ބައިވެރިންނާ ދުރުގައި ކަމަށް ވިދާޅުވި އެވެ.

މުޒާހަރާއާ ގުޅެގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމާއި ހިތްތައް ކެކިގެން އެރީމައި މަގުތަކަށްވެސް ނިކުންނާނެ ކަމަށެވެ.

"ނިކުންނާނެ، އިހުތިޖާޖުވެސް ކުރާނެ، އިހުތިޖާޖުކުރުމަކީ ޑިމޮކްރެޓިކް ގައުމެއްގައި ކުރަންވާނެ ކަމެއް. ސަރުކާރު ޒިންމާދާރުކުރުމަށް ކުރަންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ނޫސްވެރިންނަށް އިތުރަށް މައުލޫމާތު ދެއްވަމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ދާދި ފަހުން ބޭއްވި އެމަނިކުފާނުގެ ފޮތް ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި މާސްކު ތުރުނުކުރައްވާ އުޅުއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމު އެމަނިކުފާނު ނުގެނެސް އަޅުގަނޑު ގެނައީމާ އޭގެން ދޭހަވަނީ އެންމެ ކަމެއް. އެއީ އަޅުގަނޑު މިއަދު ސަރުކާރުގެ އޮޮޕޮޒިޝަންގައި ހުރީމައި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް