މި ހަފުތާގެ "ލެޓްސް ޓޯކް ޔޫތު" ޝޯ ހާއްސަ ވަނީ ގާރޑެނިންގްއަށް

އޮކްޓޯބަރ 10، 2016: ދަނޑުވެރިންގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ކުރިއަށް ދާ ދަނޑުވެރިކަމުގެ ހާއްސަ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ "ލެޓްސް ޓޯކް ޔޫތު" ޝޯގެ މި ހަފްތާގެ ޝޯ އަންނަ އަންގާރާ ދުވަހުގެ ރޭ 9 ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފި އެވެ.

ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީގެ ޔޫތު ޑިޕާޓްމަންޓުން ކުރިއަށްގެންދާ މި ޝޯގެ 10 ވަނަ ސިލްސިލާ ޕްރޮގުރާމް އަންނަ އަންގާރަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، މި ހަފުތާގެ ޝޯގެ މައުލޫ އަކީ ގާރޑެޑިންގް އެވެ. ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް މި ގެންދާ ޝޯގައި ގޭތެރޭގަޔާއި، ގެއިން ބޭރުގައި ގަސްއިންދުމާ ބެހޭ ގޮތުން އެކަމުގެ ތަޖުރިބާކާރަކާ އެކު މަޝްވަރާކޮށް، ބެލުންތެރިން ކޮމެންޓްތަކުގައި ކުރާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮންމެ ޝޯއެއްގައި ވެސް ތަފާތު މައުލޫއަކަށް ބިނާކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި އެ ހަފުތާއަކާ ގުޅޭ މައުލޫގެ ތަޖުރިބާކާރަކާއި މިނިސްޓްރީގެ ދެ ބޭފުޅަކު ބައިވެރިވާނެ އެވެ. މީގެ ކުރިން މި ޕްރޮގުރާމުގެ ނުވަ ޝޯއެއް ވަނީ ބޭއްވިފަ އެވެ.

ކުޅިވަރުގެ ޑިޕާޓްމެންޓުގެ އިތުރުން ޒުވާނުން މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ޔޫތު މިނިސްޓްރީން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގެ ޒުވާނުންނަށް ހާއްސަކޮށްގެން މީގެ ކުރިން ވެސް ގިނަ ޕްރޮގުރާމްތަކެއް ހިންގާފައިވާ އިރު، މިނިސްޓްރީގެ މެންޑޭޓުގައި ކިރިޔާވެސް ހިމެނޭ ކަމެއްގައި ޒުވާނުންނަށް ވެދެވެން ހުރި އެހީތެރިކަމަކާއި، އެއްބާރުލުމެއް ދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި މިފަދަ ޕްރޮގުރާމްތަކުގެ ވާހަކަ މީޑިއާތަކުން ހިއްސާކުރާ މިންވަރު ކުޑަވެފައިވާ ކަމަށް ބުނެ މިނިސްޓަރު މަހްލޫފް މީގެ ކުރިން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދަން ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކަށާއި، ޕްރޮގުރާމްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

comment ކޮމެންޓް