ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ހުޅުވައިފި

ދަރަވަންދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

ބ. ދަރަވަންދޫގައި ކުޅިވަރާ ބެހޭވުޒާރާގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް އެ ދަނޑު ހުޅުވައިފިއެވެ.

މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭއެވެ. މި ރަސްމިއްޔާތުގައި ދަރަވަންދޫގެ ރައްޔިތުންގެ އިތުރުން މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތް ނިންމާލުމުގައި ޒުވާނުންނާއި ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ.

މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެއް ކަމަށާއި، ދަނޑުގެ ބޭނުން އަންހެން އަދި ފިރިހެން ފަރާތްތަކަށް ކުޅިވަރުތައް ކުޅުމުގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ ޕްރޮގުރާމްތައް ހިންގުމަށްވެސް ބޭނުން ކުރެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ދަނޑު ހުޅުވުމުގެ ގޮތުން އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ވާނީ ބާއްވާފައެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހުލޫފް މީގެ ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި ހަމަ އެހެންމެ ކޮވިޑާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާތީ ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއައިޕީގެ ތެރެއިން ވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް