އިދިކޮޅުގެ މުޒާހަރާއާއި އަލިފާނުގެ ހާދިސާ ގުޅުވުމުން ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅައިފި

އޮގަސްޓް، 28، 2020: ކުރީގެ ޖަލަޕީނޯ ހިންގި ކެފޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ: ހާދިސާގައި ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ވަނީ ބޮޑެތި ގެންލުންތަކެއްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާ އާއި އެ ރޭ ދަންވަރު ބޮޑުތަކުރުފާނު މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި "ރާއްޖެޓީވީ"އިން ޓްވީޓު ކުރުމުން އެ މައްސަލަ އެ ކޯލިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވައި މުޒާހަރާކޮށްފަ އެވެ. އެއީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅުން ކުރި މުޒާހަރާއެކެވެ.

އެ ރޭ ދަންވަރުގެ ވަގުތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯ އާއި އެ ކެފޭއާ ޖެހިގެން ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްވި އެވެ.

އަލިފާނުގެ ހާދިސާ ހިނގަމުން ދިޔަ ވަގުތު އެ މަންޒަރުތައް ފެންނަ ވީޑިއޯއަކާއެކު ރާއްޖެޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ، "ރާއްޖެ ވިއްކާލަނީއޭ ކިޔައި ޕީޕީއެމް/ޕީއެންސީއިން މުޒާހަރާ ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެސްބީއައިއާ ޖެހިގެން ހުރި އިމާރާތުގައި ރޯވުން!" ކަމަށް ލިޔެ ޓްވީޓެއް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅަމުން ފޮނުވި ސިޓީއެއްގައި ޕީޕީއެމް/ޕީއެންސީއިން ބުނީ، އެ ޓްވީޓަކީ އެ އަލިފާނުގެ ހާދިސާ އާއި ކޯލިޝަނާ ގުޅުވުމަށް ހިންގި އަމަލެއް ކަމަށެވެ. އެއީ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި އެ ކޯލިޝަން ބަދުނާމު ކުރަން ކުރި މަސައްކަތެއްގެ ގޮތުގައިވެސް ސިފަ ކުރިއެވެ. އަދި އެއީ ޒިންމާދާރު ނޫސްވެރިކަން ކަމަށް ގަބޫލުނުކުރާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދުނީ އެ މައްސަލަ ބަލައިދީ އެ މައްސަލައާ ގުޅޭ މައުލޫމާތުތައްވެސް ދެމުން ގެންދިޔުމަށެވެ.

comment ކޮމެންޓް