ރައީސް ވަހީދު ފުލުހަށް ހާޒިރުވާން އަންގައިފި

ޖޫން 22، 2020: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމް މުހައްމަދު ވަހީދު ހަސަން މަނިކުއަށް ދެއްވުމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ވަހީދު ގެންދަވަނީ އެ ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އިދިކޮޅުން މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު މުޒާހަރާގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މާސްކު ނާޅުއްވައި ހުންނަވައި އެ މުޒާހަރާގައި ވާހަކަފުޅު ވެސް ދެއްކެވި އެވެ.

ރައީސް ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރުވާން އެންގީ އެ މުޒާހަރާއާ ގުޅިގެން ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގީ މިއަދު ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ގޮހެވެ. ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ވަޑައިގަތުމަށް އެންގި ކަމަށާއި، އެހެންކަމުން މިއަދު ހަވީރު 4:00 އަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު މުޒާހަރާގެ ތެރޭގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ. މާސްކު ނެންގެވީ ވާހަކަފުޅު ދައްކަވަން ކަމަށާއި، ނަމަވެސް އޭރުވެސް ހުންނެވީ މުޒާހަރާގެ ބައިވެރިންނާ ދުރުގައި ކަމަށް ވިދާޅުވި އެވެ.

މާލޭގައި ހަތަރު މީހުންނަށްވުރެ ގިނައިން އެއް ނުވުމަށާއި އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އިދިކޮޅުން މުޒާހަރާ ބޭއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

އެ މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުވެސް ފުލުހަށް ހާޒިރުވން މީގެ ކުރިން ފުލުހުން ވަނީ އަންގައި ފައެވެ. އޭނާ ހާޒިރު ކުރަން ނިންމާފައި ވަނީ މިރެ އެވެ.

comment ކޮމެންޓް