އަލިފާން ރޯވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ފުރަތަމަ ރޯވީ ކެފޭގެ ބަދީގޭގައި ނޫން ކަމަށް، ރޭގެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވި ކެފޭ ޓިއޯލޯ އިން ބުނެފިއެވެ.
ރޭ 9:45 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ކުރީ ޖަލަޕީނޯ ރެސްޓޯރެންޓް ހިންގަމުން އައި، ކެފޭ ޓިއޯލޯ އިމާރާތުގައި ކަމަށް އެމްޑީއެފް އިން ވަނީ ބުނެފައެވެ. ކެފޭ ޓިއޯލޯގައި ރޯވެގެން އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރު ކުރިއެވެ.
ޓިއޯލޯގެ ވެރިފަރާތް ހަސަން ދީދީ މިރޭ "ސަން" އަށް ބުނީ، އެ ވަގުތު އެ ކެފޭ ހުރީ ބަންދުކޮށްފައި ކަމަށާއި އޭރު ފުރަތަމަ ފަންގިފިލާގައި ކަރަންޓުވެސް ނުހުންނާނެ ކަމަށެވެ. ދެ ފަންގިފިލާއަށް ނަގާފައިވާ އެ ކެފޭގައި އެވަގުތު ހުރީ އެންމެ މީހެކެވެ. އެވަގުތު އޭނާ ހުރީ، ކެފޭގެ ބަދިގެ ހުންނަ އެންމެ ތިރީ ފަންގިފިލާގައި ކަމަށް ހަސަން ދީދީ ބުންޏެވެ.
"އެއްގޮތަކަށްވެސް ނުވިސްނޭ އަލިފާން ރޯވާން ޖެހޭ ސަބަބެއް. ބަދިގެއަކުން ނޫން އަލިފާން ރޯވީ. މަތީ ފްލޯގައި ހުންނާނީ ކަރަންޓުވެސް ކަނޑާލާފައި. ކަރަންޓް ޝޯޓެއްވެސް ގޭސް ލީކެއްވެސް ނުވާނެ،" ހަސަން ބުންޏެވެ.
އޭނާ ބުނީ، އަލިފާނު ރޯވިކަން ބަދިގޭގައި ހުރި މީހާއަށް އެނގުނީ، އިމާރާތުގެ ބޭރުން ބަޔަކު ބުނުމުން ކަމަށެވެ. އަދި އެވަގުތު މަތީ ފަންގިފިލާގައި ރޯވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެތަނުގެ ވައިރިންވެސް ކުރިތާ އެއް އަހަރު ނުވާނެ އެވެ. އެހެންކަމުން ފުރަތަމަ ފަންގިފިލާގައި ކަރަންޓްވެސް ކަނޑާލާފައި ހުރުމުން އެއީ ކަރަންޓް ޝޯޓަކުން ވީ ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އަލިފާނުގެ ހާދިސާގައި ކެފޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެފައެވެ. އޭނާ ވިދާޅުވީ، އެތަނުގެ ގެއްލުމުގެ އަދަދު 1.5 މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.
ކެފޭގައި ރޯވެގެން އެ އިމާރަތުގެ ދެ ފަރާތުގައި ހުރި ދެ އިމާރާތައްވެސް ވަރަށް ބޮޑަށް އަސަރު ކުުރިއެވެ. އެގޮތުން އެ ކެފޭއާ އިންވެގެން ހުރި މަނީ އެކްސްޖޭންޖްގައި ރޯވެ، ފަސް ލައްކަ ރުފިޔާ ވަނީ އަނދާފައެވެ. އަދި އެތަނަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.5 މިލިއަނަށް އަރަށެވެ. އޭގެ އިތރުން ސްޓޭޓް ބޭންކް އޮފް އިންޑީއާގެ ހިންގަމުން އަންނަ ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ވަނީ ބޮޑެތި ގެންލުންތަކެއްވެފަ އެވެ. އެ އިމާރާތައްވެސް މިލިއަނުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެތަނުން ބުނެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އަދިި އަލިފާނު ހިނގަމުން މެދުވެރިވި ސަބަބެއް ހޯދިފައި ނެތެވެ.