އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިން ހަރަކާތްތެރިވަނީ

އިންޑިއަން ހައި ކޮމިޝަންގެ އިމާރާތުގެ ސެކިއުރިޓީއަށް ސިފައިން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ : އިބްރާހީމް މިސްބާހް

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިމާރާތުގެ ސެކިއުރީޓީ ވަރުގަދަކޮށް އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އިންޑިއަން ހައި ކޮމިޝަންގެ އިމާރާތު ކުރިމަތީގައި ސިފައިން ހަރަކާތްތެރިވަމުންދަނީ ހަތިޔާރު ހިފައިގެންނެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެތަނުގައި ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަބަބު ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެކަމާ ގުޅޭގޮތުން އިންޑިއާ ހައި ކޮމިޝަނުގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިންޑިއަން ހައި ކޮމިޝަންގެ ސެކިއުރިޓީގެ މަސައްކަތް މީގެކުރިން ކުރަމުން ދިޔައީ ފުލުހުންނެވެ. އެގޮތުން އިމާރާތުގެ ބޭރުގައިވެސް ހަރަކާތްތެރިވެފައިވަނީ މީގެކުރީން ފުލުހުންނެވެ.

މިއަދު އިންޑިއާ ހައިކޮމިޝަނުގެ ކުރިމަތީ ސިފައިން ހަރަކާތްތެރިވާން ފަށާފައި މިވަނީ ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހުންނަަ އިމާރާތާ އިންވެގެން ހުރި އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެސްބީއައި ހުންނަ އިމާރާތުގައިވެސް އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭގެ އިތުރުން އިންޑިއާއަށް ރާއްޖެ ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިއްޔެ މާލެއާއި އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެއީ ފަހުގެ ތާރީހެއްގައި އިދިކޮޅުން ބޭއްވި ހަރަކާތެއްގައި ގިނަ އަދަދަކަށް މީހުން ބައިވެރި ފުރަތަމަ ފަހަރެވެ. އެ އެއްވުން ކުރިއަށް ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާ ހިލާފަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފިޔަވަޅުވެސް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް