ފްލެޓް ދިންއިރު ޕީޕީއެމް މެމްބަރެއްތޯ ނުބަލަން، ގިނައިން ލިބުނީވެސް އެމްޑީޕީ މީހުންނަށް: މުއިއްޒު

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހެދި ފްލެޓްތައް މީހުންނަށް ދިންއިރު އެއީ ޕީޕީއެމްގެ މެމްބަރުންތޯ ނުބަލާ ކަމަށާއި އަދި ފްލެޓް ގިނައިން ލިބުނީވެސް އެމްޑީޕީ މީހުންނަށް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ވަނީ ފްލެޓްތައް ދިންއިރު ޕީޕީއެމްގެ މެމްބަރުންގެ އާއިލާތަކަށް ފްލެޓްދިން ގޮތާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ފްލެޓްތައް ދިނުމުގައި ވަކި ފަރާތަކަށް ޖެހި އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި އަމަލު ކުރާނެ ގާނޫނީ އުސޫލު ކުރިން އިއުލާންވެސް ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފްލެޓަށް ފޯމުލީ މީހުންގެ އެމީހާގެ ވަނަވަރަށް ބަލައިގެން ފްލެޓް ދިނީ. މި ދެންނެވި ސިޔާސީ ޕާޓީއަކަށް ނިސްބަތްވޭތޯ އަދާ ކުރާ މަގާމަށް ބަލާގޮތަކަށް ނޫން ޕޮއިންޓް ދިނުމުގެ މިންގަނޑު ހަދާފައި އޮތީ. މިސާލަކަށް އެމީހާއަކީ މެމްބަރެއް ނޫނީ މެމްބަރެއްގެ އާއިލާއަަކަށް ނިސްބަތްވާ މީހެއް ނޫނިއްޔާމު މިނިސްޓަރެއް ނޫނީ ސިޔާސީ އެހެން މަގާމެއްގައި ހުރި މީހެއް ނޫނީ އެމީހާގެ އާއިލާއަށް ނިސްބަތްވާ މީހަކަށް ވުން އެއީ ފެލެޓުގައި ޕޮއިންޓް ދިނުމުގައި ތަފާތު ކުރަން ހަމެޖެހިފައިވާ ކަމެއް ނޫން." މުއިއްުޒު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބަޔަކަށްވެފައި، ޕީޕީއެމްއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް އޭރު ވުމާއެކު 7000 ފްލެޓް ދޫކުރާއިރު އޭގެ ތެރެއިން ޕީޕީއެމްގެ ބަޔަކަށް ފްލެޓްތަކެއް ލިބުމަކީ ތަބީއީކަމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަލީލްގެ އާއިލާއަށް ފްލެޓް ލިބުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމާ ގުޅިގެން ހަލީލް މީގެ ކުރިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ނިލަންދޫގެ ގިނަ މީހުންނަކީ އޭނާގެ އާއިލާގެ މީހުން ކަމަށާއި އެއީ ކޮންމެހެން އޭނާގެ އާއިލާއަށް އެކަން ވުމުން ހިނގައިދިޔަކަމެއް ނޫން ކަމަށެވެ.

"އެކަން ހިނގައިދިޔައީމަ އަޅުގަނޑު އިސްވެހުރެ ޑރ. ހަލީލް އަރިހުގައި އެހިން އެއީ ތެދެއްތޯއޭ އެއީ ތި އާއިލާގެ ބަޔަކަށް ފްލެޓް ލިބުންތޯ؟ އެއީ އަޅުގަނޑަށް ނޭނގޭތީ ހަމަ އެވަގުތު އެ ހަބަރު ލިބުނީމަ އެހީވެސް. ދެން މިސަރުކާރު އައިފަހުން އަޅުގަނޑާ ހަމައަށް އައިސްފައިހުރި އެކި ކޮމެންޓްތަކަށް އަޅުގަނޑާ އެކި ގޮތްގޮތަށް ބައްދަލުކޮށް ލިބިފައިހުރި މައުލޫމާތަށް ބަލާ ކަމަށް ވަންޏާ ގިނައީ އެމްޑީޕީ މީހުންނަށް ލިބިފައިހުރި ފްލެޓް. އަޅުގަނޑަށް ކުރިއަކުން އެކަން ނޭނގެ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓް ލިބޭމީހުން ކަނޑައަޅަން މި ސަރުކާރުގެ ފްލެޓް ކޮމިޓީއިން ހާލަތު ބަލަން ގޭގެއަށް ދިޔައިރު ގޭގޭގެ މީހުން ރާއްޖެއިން ބޭރުގައި ވާތީކަމަށް ބުނެ އެމީހުންނަށް "ސުމެއް" ދީފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމީހުން ކުރީގައި މާލޭގައި ތިބެން ޖެހޭނެކަމަށް އަންގާފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މާނައަކީ އެ މީހަކީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހެކޭ އެވަގުތު އެމީހާ ރާއްޖޭގަ ނެތީމާ. އެމީހާ ރާއްޖެއިން ބޭރަށް ގޮސްފަވެސް ހުރެދާނެ ދޮއްތޯ ބޭސްފަރުވާއަކަށް ގޮސްފައި ވެސް. މީ ކުރީގައި ލިސްޓަށް އަރާފައިހުރި މީހުން. ލިސްޓަށް އަރާފައި ތިބި މީހުން ކަޓުވާލާފަ އެބަހުއްޓޭ ގޭގަ ރެނދެއް ނެތިގެންނާ ފެންހޮޅިން ލީކްނުވެގެންނާ ކޮވިޑް މާލޭގަ ފެތުރިފަ އޮވެގެންނާ، މީހާ ރާއްޖޭގައި ނެތިގެންނާ ލިސްޓުން ކަނޑުވާފައި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށް ކުރިން ކަނޑައަޅާފައިވާ އެތައް ބަޔަކު މިހާރު މަގުމަތިކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ދިން ބޯހިޔާވަހިކަމުގެ އަނިޔާއެއްކަމަށް އޭނާ ސިފަކުރެއްވި އެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ކަނޑައެޅިި 2500 ހައުސިން ޔުނިޓް ތެރެއިން ފްލެޓް ލިބޭނެކަމަށް ރަސްމީކޮށް ގެޒެޓްކޮށްފައިވަނިކޮށް އެ ހައުސިން ޔުނިޓްއަކީ ނެތް މަޝްރޫއެއްގެ ގޮތުގައި ކަނޑައަޅައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

ދެން އަންނަ ޕީޕީއެމް ސަރުކާރެއްގައި އެންމެ ފުރަތަމަ ބޯހިޔާވަހިކަން ފޯރޮކޮށްދޭނީ މި ސަރުކާރުން ބާކީ ކޮށްލި މީހުންނަށްކަމަށް މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް