އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތު ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް: އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ، ރިންގުރޯޑުގައި ހުންނަ ކުރީގެ ޖަލަޕީނޯ ރެސްޓޯރަންޓްގަ އެވެ.

ގައުމީ ސަލަމަތު ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަހްތަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޮމިޓީގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ހެނދުނު 10:00 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ކޮމިޓީގައި ތާވަލްކޮށްފައި ވަނީ، ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އޭގެ އިތުރުން އެކާ ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.

ބައްދަލުކުރާ އިދާރާތަކުގައި ހިމެނެނީ، ނޭޝަނަލް ޑީޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)، ސިފައިން އަދި ފުލުހުންނެވެ.

ރެސްޓޯރެންޓްގައި ހިނގި އަލިފާނުގެ ހާދިސާއާއެކު އެ އިމާރާ އިންވެގެން ހުރި ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިމާރާތުގެ ބައެއް ފަންގިފިލާތައްވެސް ވަނީ އަނދާފައެވެ.

ގައުމީ ސަލާލަތު ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާއިރު، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވަނީ ރޭގެ ހާދިސާއަކީ ޓެރަރިޒަމް އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާ ވަނީ އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ.

އަނދުން ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހާދިސާއަކީ އެކްސިޑެންޓަކަށްވުރެ ބޮޑަށް އިންޑިއާޔާ މެދު ނަފްރަތު އުފައްދާ އެ ގައުމަށް ނިސްބަތްވާ ބޭންކު އެސްބީއައި އަލިފާން ރޯކޮށްލުން ކަމަށް ބެލެވޭ ކަމަށާއި އެއީ ޓެރެރިޒަމްގެ އަމަލަކަށްވުން ގާތް ކަމަށެވެ.

އަނދުން ހުސައިން އެގޮތަށް ތުހުމަތު ކުރި ނަމަވެސް، އަދި މިހާތަނަށް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ނޭނގެ އެވެ.

comment ކޮމެންޓް