ނަޝީދު ބިރެއް ނުދައްކަވާ، މަޝްވަރާކުރީ ކުރަންހުރި ކަންކަމާ މެދު: ކައުންސިލަރުން

މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުޑަތަންވެފައި ވަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރުންނާ ބައްދަލު ކުރެއްވި ނަމަވެސް، ބިރުދައްކަވާފައި ނުވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ކައުންސިލަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ބައްދަލުވުމުގައި ބައިވެރިވި އަހުމަދު ޒަމީރާއި، ހަމްނާ ވަހީދާއި އަހުމަދު ނިޔާޒު އަދި ހުސައިން ޝަރީފް ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރައިސް ނަޝީދު ކައުންސިލަރުންނާ ބައްދަލު ކުރައްވާ ބިރުދެއްކި ކަމަށް ބުނާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ޕާޓީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވީ އިތުރަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެ ބައްދަލުވުމާ ގުޅޭގޮތުން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑިއަމަލެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ ތަފްސީލެއް އެ ބަޔާނުގައި ދީފައެއް ނުވެ އެވެ.

https://sun.mv/142242

އެ ބޭފުޅުން އެހެން ވިދާޅުވި ނަމަވެސް، މާލޭ ސިޓީގެ އެމްޑީޕީ ކައުންސިލަރަކު "ސަން"އަށް ރޭ ވިދާޅުވީ މިއަދު ހަވީރު 3:00 ގައި ނަގަން އޮތް ސިފާގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީ ކައުންސިލަރުން ސިފާއާ ދެކޮޅަށް ވޯޓުލައިފި ނަމަ، ކައުންސިލް އިންތިހާބުގައި އެބޭފުޅުންނަށް ޕާޓީއިން ދީފައިވާ ޓިކެޓް ގެއްލިދާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު އެ ބައްދަލު ވުމުގައި ދެއްވި ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި މަގާމުގައި ހުންނެވި މޭޔަރަކާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއްގައި އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުން ދެކޮޅަށް ވޯޓުދެވޭނީ ޕާޓީއިން ނިންމައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށް ވެސް އެބޭފުޅާ ވިދާޅުވެފައިވެ އެވެ. އަދި އެ ނޫން ގޮތަކަށް ވޯޓު ދޭނަމަ ޕާޓީއިން ވަކިކުރުމުގެ ފުރުސަތު ގައުމީ މަޖިލީހަށް އޮންނާނެ ކަމަށް ވެސް ނަޝީދު ދެންނެވި ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.

މި ވާހަކަތައް ކައުންސިލްގެ ހަތަރު މެންބަރަކު ދޮގުކޮށްފައިވާއިރު، މޭޔަރު ސިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ކުރިއަށް ނުގެންދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ވަނީ ކުއްލި ގޮތަކަށް އަންގައިފަ އެވެ. އެގޮތަށް އެންގީ ވޯޓު ނަގަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ، މާލޭ ސިޓީ މޭޔަރު ސިފާ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭ އިންކުއަރީ އެއް އެލްޖީއޭ އިން ކުރިއަށްގެންދާ ކަމަށެވެ. އަދި އެ އިންކުއަރީ އަކީ، ސިފާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ކައުންސިލަރެއްގެ މައްޗަށް ތުހުމަތުވާ ކަންތައްތަކެއް ހިމެނޭ ކަމެއް ކަން ވެސް އަފްޝަން ވަނީ ސިޓީގައި ފާހަގަ ކުރައްވައިފަ އެވެ. އެހެންވެ އެ އިންކުއަރީ ނިމެންދެން އެ ވޯޓު ނުނެގުމަށް ވަނީ އަންގައިފަ އެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ.

އެލްޖީއޭއިން ބަލަނީ ސިފާ ހުށަހެޅުއްވި މައްސަލައެކެވެ.

ޝިފާއާ ދެކޮޅަށް 39 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މޭޔަރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކުރުމާއި ކައުންސިލްގެ ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް ބެލުމެއް ނެތި އަމިއްލަގޮތުން ކަންތައްތައް ނިންމުން ހިމެނެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް، ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދިނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ވޯޓު ނެގުން ތާވަލު ކޮށްފައި އޮތީ މިއަދު ހަވީރު 3:00އަށެވެ.

comment ކޮމެންޓް